ރާއްޖޭގެ ލޭބާ ފޯސްގެގައި ހިމެނޭ 151،706 މީހުންގެ ތެރެއިން ހަ ޕަސެންޓް މީހުންނަކީ ވަޒީފާއެއް ނުވަތަ މަސަކަތެއް ނުލިބޭ މީހުން ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދިރާސާއަކުން ދައްކައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އެ ބިރުރޯ އިން ނެރުނު 2016 ވަނަ އަހަރުގެ ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރި ގޮތުގެ ސާވޭ އިން ދައްކާ ގޮތުން 2016 ވަނަ އަހަރު ރާއްޖޭގެ ލޭބާ ފޯސްގައި ހިމެނިފައިވާ މީހުންގެ ތެރެ އިން 93 ޕަސެންޓަކީ އާމްދަނީލިބޭ މަސައްކަތްކުރާ މީހުންނެވެ.

އެ ސާވޭ އިން ދައްކާ ގޮތުން ރާއްޖޭގެ އަބާދީގެ 263،311 މީހުންނަކީ 15 އަހަރުން މަތީގެ މީހުންނެވެ. މުޅި ރާއްޖެއަށްބަލާ އިރު 15 އަހަރުންމަތީގެ އާބާދީގެ ތެރޭން 75 ޕަސެންޓް ފިރިހެނުން އަދި 42 ޕަސެންޓް އަންހެނުން ލޭބާފޯސްގައި ހިމެނޭ މީހުން ނެވެ. އަދި 15 އަހަރުންމަތީގެ އާބާދީގެ ތެރޭން 25 ޕަސެންޓް ފިރިހެނުން އަދި 58 ޕަސެންޓް އަންހެނުންނަކީ ލޭބާފޯސް އިން ބޭރުގައިވާ އާބާދީ އެވެ.

ރާއްޖޭގެ ލޭބާ ފޯސްގައި ހިމެނޭ 151،706 މީހުންގެ ތެރޭން 47 ޕަސެންޓް ދިރިއުޅެނީ މާލޭގަ އެވެ. އަދި 53 ޕަސެންޓް ދިރިއުޅެނީ އަތޮޅުތެރޭގަ އެވެ.

ލޭބާފޯސްގެ ތެރޭގައި ހިމެނެނީ މަސައްކަތް ލިބިފައިވާ އާބާދީ އާއި މަސައްކަތް ލިބިފައިނުވާ އާބާދީ މަސައްކަތެއްކުރަމުންގެންދާ މީހުންނެވެ. ލޭބާ ފޯސްގައި ނުހިމެނޭ މީހުންނަކީ 15 އަހަރުން މަތީގެ މީހުންގެ ތެރެއިން ވަޒީފާގައި ނޫޅޭ މީހުންނާއި ވަޒީފާ ހޯދުމަށް މަސަކަތް ނުކުރާ މީހުންނެވެ.

މިސާވޭގައި ރިސޯޓްތަކާއި ސިނާއި މަސައްކަތްހިންގާ ރަށްރަށެއް ނުހިމެނެ އެވެ. އަދި ދިހަ މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅޭ "ކަލެކްޓިވް ލިވިންގް ކުއާޓަރސް" އެއް ވެސް ނުހިމެނެ އެވެ.