23 Oct 2018, 10:45
ރިޔާޒު (އޮކްޓޯބަރު 23): ސައުދީ އަރަބިއާގެ އިންވެސްޓްމެންޓު ފޯރަމް، ފިއުޗާ އިންވެސްޓްމެންޓު އިނިޝިއޭޓިވްގެ ވެބްސައިޓު ހެކްކޮށްފި އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އިއްޔެ ކުޑަ ވަގުތުކޮޅަކަށް ހެކްކުރި ވެބްސައިޓުން ފެނިގެން ދިޔައީ އެޑިޓްކޮށްފައިވާ ފޯޓޯއެކެވެ. އެފޮޓޯއިން ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގްޖީ އާއި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފެނިގެންދެ އެވެ.
އެފޮޓޯއިން ފެންނަނީ، ސައުދީ ކޮންސިއުލޭޓު ތެރޭގައި މަރާލާފައިވާ ޚަޝޮގްޖީ ކަކޫ ޖައްސައިގެން އިށީނދެ އިންނަ މަންޒަރެވެ. އަދި އޭނާގެ ފަހަތުގައި، ކަނޑިއެއް ހިއްޕަވައިގެން ސައުދީ ވަލީ އަހުދު ހުންނަވާ މަންޒަރެވެ. މީގެ އިތުރުން އެފޮޓޯއިން އިސްލާމިކް ސްޓޭޓްގެ ދިދަ އާއި ބަޑި ހިފައިގެން ތިބި ދެ މީހަކު ވެސް ފެނެ އެވެ.
އަދި އެފޮޓޯއާ އެކު ބަޔާނެއް ވެސް އާއްމުކޮށްފައިވެ އެވެ. އެބަޔާނުގައި ވަނީ ސައުދީ ސަރުކާރުގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.
އަދި ސައުދީ ނޫސްވެރިޔާ ޚަޝޮގްޖީ މަރާލުމާއި ޔަމަނުގެ އެތައް ހާސް، ކުށެއް ނެތް މީހުން މެރުން ފަދަ ލާއިންސާނީ އަމަލުތަކަށް ސައުދީ އާއި އެމެރިކާ ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެވެބްސައިޓުގައި ވަނީ ތިން ޔޫޓިއުބް ވީޑިއޯއެއްގެ ލިންކު ހިމަނައިފަ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ ވަލީ އަހުދާ ބައްދަލު ކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އަދި އެވީޑިއޯތަކުގެ މަތީގައި ވަނީ، ސައުދީން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށް ބުނެފަ އެވެ.
އެވެބްސައިޓު ހެކް ކުރިތާ މާގިނަ އިރުތަކެއް ނުވެ ވެބްސައިޓަށް ނުވަދެވޭ ގޮތް ވަނީ ހަދައިފަ އެވެ. އޭގެ ފަހުން ވެބްސައިޓު ރަނގަޅުކޮށް، މިހާރު ބޭނުން ކުރެވޭ ގޮތް ހަދާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި ޚަޝޮގްޖީ މަރާލުމާ ގުޅިގެން ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި ކުންފުނިތަކުން ވަނީ ސައުދީ އިންވެސްޓުމެންޓު ފޯރަމްގައި ބައިވެރިނުވުމަށް ނިންމައިފަ އެވެ. އެފޯރަމްއަކީ ސައުދީއަށް ބޭރުގެ އިންވެސްޓުމެންޓުތައް ގެނެސް، އެގައުމުގެ އިގުތިސާދު ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ބާއްވާ ފޯރަމްއެކެވެ.