ދަނޑުވެރިކަމަށް އިންވެސްޓްކުރުމަށް ހއ. ފިއްލަދު އަށް ދާން އޮތް އިޒްރޭލުގެ ޓެޝޫވާ އެގްރިކަލްޗްރަލް ޕްރޮޖެކްޓްސް ލިމިޓެޑްގެ މިޝަންގެ ދަތުރު ސަރުކާރުން ކެންސަލްކޮށްފި އެވެ.

މަތި އުތުރު ޕްރޮވިންސްގެ އިދާރާގެ އިސް އޮފިޝަލަކު މަސްލަހަތަށް ޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ ދަތުރު ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް އެ ޓީމްގެ ދަތުރު ކެންސަލްކޮށްފި ކަމަށް ފިޝަރީޒް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

"ޓީމް އަންނަން އޮތް ގަޑީގައި ހަބަރެއް ނުވީމާ އަޅުގަނޑުމެން ]ފިޝަރީޒާ ގުޅުމުން[ ވިދާޅުވީ މިހާރު ކެންސަލް އޭ. ނާންނާނެއޭ،" އޮފިޝަލް ވިދާޅުވި އެވެ.

މިއަދު ހެނދުނު ފިއްލަދޫ ކައުންސިލުން ބުނެފައި ވަނީ އެ ޓީމް އެއަތޮޅު ހަނިމާދޫގައި ތިބިކަމަށެވެ. ނަމަވެސް އޮފިޝަލް ވިދާޅުވީ އިޒްރޭލުގެ މީހުން ހަނިމާދު އަށް ނާން ކަމަށެވެ.

"އެކަހަލަ ހަބަރެއް އުޅުނީމާ އެކަން ބެލިން. އެކަމަކު އެއީ ދޮގެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެ ޓީމް އަންނަ ކަމުގެ ހަބަރު ފެތުރުމުން އެމީހުން ރަށަށް ނޭރުވުމަށް ފިއްލަދޫ ރައްޔިތުން ހެނދުނު ބަނދަރުމަށްޗަށް ވެސް ނުކުތެވެ.
އިޒްރޭލުގެ ދަތުރު ކެންސަލް ކުރީ ކީއްވެގެން ކަމެއް އަދި ސަރުކާރަކުން ނުބުނެ އެވެ.
-----------------

12:38 އެ ޓީމް މިހާރު ތިބީ ހަނިމާދޫގަ އެވެ.

12:33 ރަށު ކައުންސިލްގެ މެންބަރު އަބްދުއްސަތާރު މިއަދު ވިދާޅުވީ އިޒުރޭލުގެ ޓީމާ ދެކޮޅަށް ގާތްގަނޑަކަށް 150 އެއްހާ މީހުން މުޒާހަރާ ކުރަމުންދާ ކަމަށެވެ.

12:28 ދަނޑުވެރި ކަމަށް އިންވެސްޓްކުރުމަށް ހއ. ފިއްލަދޫއަށް ދިއުމަށް ހަމަޖެހިފައިވާ އިޒްރޭލުގެ ޓީމުތައް އެ ރަށަށް އެރިޔަނުދޭން އެރަށު ބަޔަކު ޖެޓީ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަމުން އެބަދެ އެވެ. ފިއްލަދޫގެ އިތުރުން އެއަތޮޅު މާފަހިއަށް ވެސް މިއަދު ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
( ތަފްސީލް އަންނަނީ )