ރިޔާޟް(އޮކްޓޯބަރު 23): ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި ނޫސްވެރިޔަކު މަރާލި މައްސަލައިގައި އެގައުމަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާއިން ސައުދީ ވަލީ އަހުދާ ބައްދަލުކޮށްފިއެވެ.

ސައުދީ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްޓީވެން މަނޫޗިން ވަނީ އިއްޔެ މުހައްމަދު ބިން ސަލްމާނާ ބައްދަލު ކުރައްވާފައެވެ. އަދި އެދެބޭފުޅުން ވަނީ އެމެރިކާއާއި ސައުދީން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އެސިއްރު ބައްދަލުވުމުގެ އިތުރު ތަފްސީލެއް ސައުދީންވެސް އަދި އެމެރިކާއިންވެސް ނުދެ އެވެ.

މިމަހުގެ ދެވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ދިޔަ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލި ކަމަށް ދެކެވޭ ވާހަކަތައް ސައުދީން ވަނީ ފުރަތަމަ ދޮގުކޮށްފައެވެ. ނަމަވެސް ފަހުން އެގައުމުން ވަނީ ކޮންސިއުލޭޓު ތެރޭ ހިނގި މާރާމާރީއެއްގައި ޚާޝޮގްޖީ މަރުވި ކަމަށް ބުނެފައެވެ.

އޭގެ ފަހުން އެގައުމުން ވަނީ ބަޔަކު އެމީހުންނަށް ލިބިފައިވާ "ބާރުތަކުގެ ބޭރުން" އަމަލުކޮށް، ޚާޝޮގްޖީ މަރާލީ ކަމަށް ބުނެފައެވެ. އަދި އޭނާގެ މަރާ، ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާ ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ޚާޝޮގްޖީގެ މަރުގެ މައްސަލައިގެ ހުރިހާ ހަގީގަތެއް މިއަދު ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.