ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީގެ ދަރިފުޅަށް ސައުދީ ސަރުކާރުން ތައުޒިޔާ ކިޔައިފިއެވެ.

ތުރުކީ ވިލާތުގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަތް ޚާޝޮގްޖީގެ ހަބަރެއް ނުވެ ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސް ވީފަހުން އޭނާ ކޮންސިއުލޭޓު ތެރޭ މަރުވެފައިވާކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. އޭނާ މަރުވީ ކޮންސިއުލޭޓް ތެރޭ ހިނގި މާރާމާރިއެއްގައި ކަމަށްވެސް ވަނީ ބުނެފައެވެ.

ޚާޝޮގްޖީގެ މައްސަލާގައި ސައުދީ ހޫނު ފެނަށް ވެއްޓިފައިވާއިރު، އޭނާގެ ހަށިގަނޑު މިހާތަނަށް ފެނިފައެއް ނުވެއެވެ.

ޚާޝޮގްޖީގެ ދަރިފުޅު ސަލާހަށް ފޯނުން ގުޅުއްވާ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ތައުޒިޔާ ކިޔައިފައެވެ. ސައުދީ ޕްރެސް އެޖެންސީ އިން ބުނާގޮތުގައި ސައުދީގެ ރަސްގެފާނު ސަލްމާނު ބިން އަބްދުލް އަޒީޒުވެސް ވަނީ ހާޝޮގްޖީ އަށް ފޯނުން ގުޅުއްވައި ތައުޒިޔާ ވިދާޅުވެފައެވެ.