ރިޔާޟް (އޮކްޓޯބަރު 22): ސައޫދީ އަރަބިޔާގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން މަގާމުން ދުރުކޮށްފި ކަމަށް ފެތުރުނު ޚަބަރުތަކެއް ސައޫދީ ނޫހަކުން ދޮގުކޮށްފިއެވެ.

ސައޫދީ ސަރުކާރާ ގުޅުންބޮޑު އެގައުމުގެ މަޝްހޫރު ނޫހެއްކަމަށްވާ "ސަބަގް" އިން ބުނީ ބިން ސަލްމާން މަގާމުން ދުރުކުރިކަމަށްބުނެ ފަތުރާފައިވަނީ ދޮގު ޚަބަރުތަކެއްކަމަށާ އެ ޚަބަރުތައް ފެތުރުމުގެ ފަހަތުގައިވަނީ "ގޮތްނޭންގޭ" ބައެއް ކަމުގައެވެ. ޓްވިޓާ މެދުވެރިކޮށް ސޯޝަލް މީޑިޔާގައި މިއަދު ފެތުރުނު ޚަބަރެއްގައިވަނީ ސައޫދީ ރަސްކަމުގެ ދީވާނުގައި ހިމެނޭ ބައިޢަތާބެހޭ އިދާރާ (ހައިއަތުލްބައިޢާ) ނުވަތަ އެލީޖެންސް ކައުންސިލުން ކުއްލި ބައްދަލުވުމެއް ބޭއްވުމަށްފަހު ވަލީއުލްއަހްދު ކަމުގެ މަގާމުން ބިން ސަލްމާން ވަކިކޮށްފައިވާ ކަމުގައެވެ.

ސައޫދީ ހައިއަތުލްބައިޢާ ނުވަތަ އެލީޖެންސް ކައުންސިލަކީ އެގައުމުގެ ރަސްކަމަށާއި ވަލީއުލްއަހްދު ކަމަށް ބޭފުޅުން އިސްކުރާ ނުވަތަ ބައިޢަތު ހިފާ ކައުންސިލެވެ. އެކައުންސިލް އެކުލެވިގެންވަނީ ސައޫދީ ދައުލަތުގެ ބާނީ ކިންގް އަބްދުލްއަޒީޒް އާލް ސައޫދު ގެ ދަރިންނާއި ކާފަދަރިންގެ މައްޗަށެވެ. 2006 ވަނައަހަރުގެ އޮކްޓޯބަރުމަހުގެ 19 ވަނަ ދުވަހު އުފެއްދި އެ ކައުންސިލްގެ ވެރިއަކަށް ހުންނެވީ ކިންގް އަބްދުލްއަޒީޒްގެ ދަރިކަލެއްކަމަށްވާ މިޝްޢަލްބިން އަބްދުލްއަޒީޒް އެވެ. 2017 ވަނައަހަރުގެ މާޗްމަހުގެ 3 ވަނަ ދުވަހު އޭނާ އަވަހާރަވުމާއެކު އެކައުންސިލްގެ ރައީސްކަމުގެ މަގާމު ހުސްވިގޮތަށް އެމަގާމަށް ބޭފުޅަކު އައްޔަން ކޮށްފައެއް ނުވެއެވެ.

އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސުލޭޓްގައި އަވަހާރަކޮށްލި ސައޫދީ ލިޔުންތެރިޔާ ޖަމާލް އަލްޚާޝުގްޖީގެ މަރުގެ ފަހަތުގައިވާ ކަމުގެ ތުހުމަތު ބިން ސަލްމާންގެ މައްޗަށް ކުރެވެމުންދިޔުމާއެކު އެޖަރީމާގެ ސަބަބުން ކުރިމަތިވާ ދުނިޔޭގެ ފިއްތުންތައް ސައޫދީ ސަރުކާރަށާއި ޝާހީ އާއިލާއަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި ވަލީއުލްއަހްދު ކަމުގެ މަގާމުން މުހައްމަދު ބިން ސަލްމާން ދުރުކުރުމަށް ޝާހީ އާއިލާގެ ގިނަ ބޭފުޅުން ބޭނުންވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ސައޫދީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގައި ބިން ސަލްމާން ގެ ބާރާއި ނުފޫޒު ގަދަކަމުންނާއި އޭނާގެ ބައްޕަ ސަލްމާން ރަސްގެފާނު ރަސްކަމުގައި ހުންނެވުމުން ބިން ސަލްމާން މަގާމުން ދުރުކުރުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް ސައޫދީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ތުރުކީގައި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ތަރްޖަމާން އުމަރު ޖަލީކް މިއަދު ވިދާޅުވެފައިވަނީ ސައޫދީ ކޮންސުލޭޓްގައި ޚާޝުގްޖީ އަވަހާރަކޮށްލާފައިވަނީ ދުރާލައި ރާވައިގެން ވަރަށް އަނިޔާވެރި އަދި ލާއިންސާނީ ގޮތަކަށް ކަމަށާ އެއީ އިންސާނަކު ހިތަށްގެންނަންވެސް ދަތިވާވަރުގެ އަނިޔާވެރި އަމަލެއްކަމުގައެވެ. މިގޮތުން ޚާޝުގްޖީ ދިރިހުންނަވަނިކޮށް އޭނާގެ އަގުންތަކާއި ހަށިގަނޑުގެ ބައިތައް ބުރިކުރަން ފެށިކަމަށާ އޭނާ އަވަހާރަވީ އެ ވޭންތައް އިޙްސާސް ކުރެއްވުމަށްފަހުގައި ކަމަށް ތަހްގީގީ މައުލޫމާތުން ހާމަވެފައިވާ ކަމަށް އުމަރު ޖަލީކް ވިދާޅުވިއެވެ.

ސައޫދީ ސަރުކާރުންވަނީ ޚާޝުގްޖީ އަވަހާރަކޮށްލި ކަމަށް އިންކާރު ކުރުމަށްފަހު އެންމެފަހުން އެކަމަށް އެއްބަސްވެފައެވެ. އަދި ޚާޝުގްޖީގެ މަރުގެ މައުލޫމާތު ދެފަހަރު ދެގޮތަށް ސައޫދީ ސަރުކާރުން ނެރފައިވާއިރު އެގައުމުގެ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވަނީ އެއީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އަށް އެނގިވަޑައިގެން ހިނގި ކަމެއްނޫންކަމަށް ވިދާޅުވެފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާގެ ހުރިހާ ހަގީގަތްތަކެއް މާދަމާ ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

(ސަބަގް+ ނޫސްއެޖެންސީތައް)