އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރުވެފައިވާކަމަށް ސައުދީ އަރަބިއާ އިން މިހާރު ވަނީ އެއްބަސްވެފައެވެ.

ސައުދީ އަރަބިއާއަށް ނިސްބަތްވާ، އަދި އެމެރިކާގެ ރައްޔިތުކަން ހޯދާފައިވާ ޚާޝުގްޖީ އަކީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓުގެ ކޮލަމިސްޓެކެވެ. ތުރުކީގެ އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޚާޝުގްޖީ އާއި އޭނާގެ ލޯބިވެރިޔާ މިމަހުގެ ފަހުކޮޅު ކައިވެނި ކުރަން އޮތީ ނިންމައިފައެވެ. ޚާޝުގްޖީ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އެ ދެމީހުންގެ ކައިވެންޏަށް ބޭނުންވާ ލިޔެކިޔުންތަކެއް ފުރިހަމަ ކުރުމަށެވެ.

ނަމަވެސް ކޮންސިއުލޭޓު ތެރެއަށް ވަން ޚާޝުގްޖީ އަނބުރާ އެތަނުން ނުކުމެފައެއް ނުވެއެވެ. އޭނާގެ ހަބަރެއް ނުވާތާ ދެ ހަފްތާ ފަހުން ސައުދީ ސަރުކާރުން ވަނީ ކޮންސިއުލޭޓް ތެރޭގައި ޚާޝުގްޖީ މަރުވެފައިވާކަމަށް ބުނެފައެވެ. ނަމަވެސް އޭނާގެ ހަށިގަނޑު މިހާތަނަށް އެއްވެސް މީހަކަށް ދައްކައިފައެއް ނުވެއެވެ. ސައުދީ ސަރުކާރުން ބުނެފައިވަނީ ޚާޝުގްޖީ މަރުވީ ކޮންސިއުލޭޓް ތެރޭ ހިނގި މާރާމާރީއެއްގައި ކަމަށެވެ.

ނޫސްވެރިޔާގެ މަރާ ގުޅޭގޮތުން ސީއެންއެން އިން ދާދި ފަހުން ގެނެސްދިން ހަބަރެއްގައި ބުނެފައިވަނީ ޚާޝުގްޖީގެ މަރަށްފަހު ކޮންސިއުލޭޓުގެ ތެރެއިން ނުކުތް މީހަކު އޭނާގެ ހެދުން ލައިގެން ނުކުމެފައިވާ ކަމަށެވެ. މިއީ ޚާޝުގްޖީ މަރައިލުމުގައި ބައިވެރިވި 15 މީހުންގެ ތެރެއިން އެކަކު ކަމަށާއި އޭނާގެ ނަމަކީ މުސްޠަފާ އަލް މަދަނީ ކަމަށްވެސް ބުނެފައިވެއެވެ. އޭނާ ކޮންސިއުލޭޓު ތެރެއިން ނިކުމެފައިވަނީ ވަލު ދޮރާށިންކަމަށާއި އެ ދޮރުން ނިކުމެ ޓެކްސީ އަކަށް އަރައިގެން ސުލްތާން އަހުމަދު މިސްކިތަށް ގޮސް ފެންވަރައި ހެދުން ބަދަލުކޮށްގެން އެތަނުން ދިޔައީ ކަމަށްވެސް ސީއެންްއެން އިން ބުނެފައިވެއެވެ.

ޚާޝުގްޖީ މަރާލާފައިވަނީ ސައުދީ ސަރުކާރު އޭގެ އަޑީގައި އޮވެގެން ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެވާހަކައަށް ބާރުދީ ބޭރުގެ މީޑިއާ ތަކުން ބުނެފައިވަނީ އިނގިރޭސިވިލާތުގައި ހިންގާ އަރަބި ނޫހެއް ކަމަށްވާ ދަ ނިއުއަރަބް އަށް މީގެ ކުރިން ޚާޝުގްޖީ ދިން އިންޓަވިއުއެއްގައި އޭނާ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ފާޑު ކިޔާފައި ވުމެވެ. އެ އިންޓަވިއުގައި ޚާޝުގްޖީ ވަނީ ސައުދީ އިން އިސްރާއިލާއެކު ބާއްވާ ގާތް ގުޅުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

ތުރުކީގައި މަރާލި ނޫސްވެރިޔާގެ މަރާ ގުޅޭގޮތުން ތުރުކީ އިން ބުނެފައިވަނީ ޚާޝުގްޖީގެ ހަށިގަނޑު ކޮންސިއުލޭޓުން ބޭރަށް ނެރެފައިވާ ކަމަށާއި ހަށިގަނޑު ބޭރަށް ނެރުނީ ސައުދީގެ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ ބޮޑީގާޑެއް ކަމަށެވެ. މަހަރް އަބްދުލް އަޒީޒު ނަމަކަށް ކިޔާ އަދި ޕްރިންސް މުހައްމަދުގެ ބޮޑީގާޑަކު ބޮޑު ކޮތަޅެއް ހިފައިގެން އުޅޭތަން ފެނުނު މީހުން އެބަތިބިކަމަށް ވެސް ބުނެފައިވެއެވެ. އިސްތަންބޫލުގެ އަތާތުރުކް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން އޭނާ ފުރަން ދިޔައިރު އެ ކޮތަޅު ޗެކްކޮށްފައި ނުވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޚާޝުގްޖީގެ މަރާ ގުޅިގެން ދުނިޔޭގެ ލީޑަރުން ވަނީ ސައުދީ އަށް ފާޑުކިޔައިފައެވެ. އެގައުމުގައި ބާއްވަން ނިންމާފައިވާ އިގްތިސާދީ ބައްދަލުވުމެއްވެސް ގިނަ ބަޔަކު ވަނީ ބޯއިކޮޓް ކޮށްފައެވެ.

ޚާޝުގްޖީގެ މަރާގުޅޭގޮތުން ހުރި ހުރިހާ ޝައްކެއް ފިލުވައި އެ މަރުގެ ހަގީގަތް ހާމަކުރުމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ގޮވާލައްވައިފައެވެ.