22 Oct 2018, 18:40
ގިނަ ކޯސްތަކާއެކު އެވިޑު ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީގައި ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ ޖެނުއަރީ މަހު އެވިޑު ކޮލެޖްގައި 45 ކޯހަށް ވުރެ ގިނަ ކޯސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ސެޓްފިކެޓް ލެވެލް 3 އަކުން ފެށިގެން މާސްޓާސް ލެވެކްގެ ކޯސްތަކެވެ. އޭގެ އިތުރުން ޖެނުއަރީ އިންޓޭކްގައި އިތުރު ހަ ކޯހެއް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަންނަ އަަހަރު އެވިޑް ކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ހަ ކޯސް:
1. ޝަރީއާ އެންޑް ލޯ (ފުރަތަމަ ޑިގްރީ)
2. ދިވެހި ބަހުގެ ޓީޗިންގ (މާސްޓާސް)
3. ސްޕެޝަލް އެޑިއުކޭޝަން (ޑިގްރީ)
4. ޝަރީއާ އެންޑް ލޯ (މާސްޓާސް)
5. އިންފޮމޭޝަން ޓެކްނޮލޮޖީ (މާސްޓާސް)
6. ސައިކޮލޮޖީ (ޑިޕްލޮމާ)
އަންނަ އަހަރު ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ނޫސްވެރިންނަށް ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮލެޖްގެ ވައިސް ރެކްޓަރ، ޑރ. އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވީ، ޖެނުއަރީ އިންޓޭކަށް ފެށުމުގެ ކުރިން އެ ކޮލެޖުން ޓީޗިންގ ސްޓޭންޑާޑެއް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ދިވެހި ރާއްޖޭގެ ކޮލެޖެއްގައި މިފަދަ ސްޓޭންޑާޑެއް ގާއިމް ކުރި ފުރަތަމަ ފަހަރެވެ. އަދި އެ ސްޓޭންޑަޑު ތައްޔާރުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ޓީޗިންގ ސްޓޭންޑާޑަކީ ގައިޑްލައިނެއް ކަމަށް ބަލައިގެން ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
"އެވިޑް ކޮލެޖުގައި އަޅުގަނޑުމެން މިހާރު ވާނީ ޓީޗިންގ ސްޓޭންޑާޑް ކަނޑައަޅާފައި. އެހެންވީމަ ރަސްމީކޮށް ޓީޗިންގ ސްޓޭންޑާޑް ލޯންޗުކޮށްގެން ޖެނުއަރީ އިންޓޭކްގައި ކިޔަވަން ފަށާނީ" ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަމުން ބުނީ، އެވިޑު ކޮލެޖުން ތަައުލީމު ހާސިލްކޮށްގެން ނުކުންނަ ކުދިންނަކީ ވަޒީފާގެ ބާޒާރަށް ނުކުންނަ އިރު ތަންތަނުގެ މެނޭޖަރުންނާއެކު މަސައްކަތް ކުރަން އެނގޭ ފެންވަރުގެ ކުދިންނަށް ހަދަން ބޭނުންވާކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ތަނުގައި އެވިޑު ކޮލެޖުން ކުދިންނަށް ހަމަ އެކަނި ފޯރު ކޮށްދޭނީ ތިއަރީތައް ނޫން ކަމަށާއި ޕްރެކްޓިކަލް ބައި ވެސް ހިމަނައިގެން ކިޔަވައިދެން ފަށާނެ ކަމަށް ޑރ. އަބްދުﷲ ރަޝީދު ގެ ވާހަކަގައި ފާހަގަަކުރިއެވެ.
"ހަމައެކަނި ތިއަރީތަކެއް ދީފައި ޓެސްޓުކޮށްފައި ނެރޭ ކުދިންތަކެއް ނޫނޭ އެވިޑް ކޮލެޖުގެ ގްރެޖުއޭޓުންނަކީ. ކުރިއަށް އޮތްތަނުގައި ދިވެހި ރާއްޖޭގެ އޮފީސްތަކުގެ ބަޒާރުގައި އަދި ސްކޫލްތަކުގެ ފާހަަގަކޮށްލެވޭ ކުދިންނަށް ހެދުމޭ އަޅުގަނޑުމެންގެ އެދުމަކީ" ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އެވިޑް ކޮލެޖުން އަންނަ އަހަރު އަލަށް ފަށާ ޕްރޮގްރާމްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް އެ ބައްދަލުވުމުގައި ފާހަގަކުރިއެވެ. އަދި އަންނަ އަހަރު ފެށުމަށް ހަަމަޖެހިފައިވާ ހުރިހާ ޕްރޮގްރާމްތަކަށް ކުރިމަތިލުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.