ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރާ ޗައިނާގެ މުވައްޒަފުން މިޔަރު ބޭނިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކައާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ.

ބްރިޖުގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރު ވަންގް ޗާއޯ ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކާ ގުޅިގެން އިންޓާނަލް އިންވެސްޓިގޭޝަނެއް ފަށާފައިވާކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކަށް ބަލާއިރު ޗައިނާ މީހުން ދިރިއުޅޭ ބެރެކްސްގެ ބޭރުގައި މިޔަރު އުރަހަ ހިއްކަން ބަހައްޓާފައި ހުރެއެވެ.

ވަންގް ޗާއޯ ވިދާޅުވީ މިޔަރު ބޭނުމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާ ކަމެއް ކަމަށް މުވައްޒަފުންނަށް އަންގާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރަން އައި ޗައިނާ މީހުންނަށް ރާއްޖޭގެ މާހައުލާ ގުޅޭ މައުލޫމާތު ދީފައިވާނެ ކަމަށެވެ.

އޭނާ ބުނީ ރާއްޖޭގެ ގުދުރަތީ ވެއްޓަށް ގެއްލުންވާފަ ކަމެއް ކުރުން ބަލައި ނުގަންނާނެ ކަމަށްވެސް ވަންގް ޗާއޯ ވަނީ ބުނެފައެވެ.