22 Oct 2018, 17:12
ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަކާލާތު ކުރުމުން ފަސް މަހަށް ސަސްޕެންޑު ކޮށްފިއެވެ.
ޑިޕާޓްމެންޓް އިފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބުނީ އަލީ ހުސައިން ރާއްޖޭގެ ކޯޓު ތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުމުން ސަސްޕެންޑުކޮށްފައިވަނީ ޢަލީ ޙުސައިންއާ ޙަވާލާދީ، "ގޮނޑިއާމެދު ސުޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނެތް: ޢަލީ ހުސައިން" މި މައުޟޫޢުގައި ވީ ނިއުސްގައި މިމަހުގެ ފަސްވަނަ ދުވަހު ލިޔެފައިވާ ލިޔުމަކާއި ގުޅިގެން ކަމަށެވެ.
އެ ލިޔުމާއި ގުޅިގެން އަލީ ހުސައިން އާ ސުވާލުކޮށް އޭނާގެ ބަޔާނުގައިވާ ކަންތަކަށް ބަލާއިރު އަލީ ހުސައިން، ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު" ގެ 3.2 ގެ (ހ)، (ނ)، (ރ) އާ ޚިލާފުވެފައިވާތީ އެ ޤަވާޢިދުގެ ހަ ވަނަ މާއްދާގެ (ނ) ގެ ދަށުން މިއަދުން ފެށިގެން ފަސް މަސްދުވަހުގެ ނިޔަލަށް އޭނާ ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލް ތަކުގައި ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުން ސަސްޕެންޑު ކުރަން ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ޑީޖޭއޭ އިން ބުނެއެވެ.
މީގެ ކުރިންވެސް އަލީ ހުސައިން ވަނީ ވަކާލާތު ކުރުމުން ސަސްޕެންޑު ކޮށްފައެވެ. އޭނާ އަށް އަލުން ވަކާލާތު ކުރުމުގެ ހުއްދަ ދިނީ ޖުލައި މަހުގެ ހަތްވަނަ ދުވަހުއެވެ.