ޗައިނާ އާއި ހޮންގް ކޮންގް އާ ދެމެދު އަޅާފައިވާ އެންމެ ދިގު ބްރިޖު މި ހަފްތާ ހުޅުވަން ނިންމައިފި އެވެ.

ވިހި ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ މި ބްރިޖުގެ ދިގުމިނުގައި 55 ކިލޯ މީޓަރު ހުރެ އެވެ. ހޮންގް ކޮންގް އާއި މަކާއޯ އަދި ޗައިނާގެ ޒިންހުއާ އާ ދެމެދު އަޅާފައިވާ މި ބްރިޖުގެ މަސައްކަތް ފެށިތާ ނުވަ އަހަރު ވެއްޖެ އެވެ.

މި ބްރިޖު އާންމުންނަށް ހުޅުވާލުމަށް އަންގާރަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއި ހޮންގް ކޮންގް ގެ އިސްވެރިން ބައިވެރިވާނެ އެވެ. ބްރިޖު އާންމު ޓްރެފިކަށް ހުޅުވާލާނީ ބުދަ ދުވަހު އެވެ.

މިއީ ސައުތު ޗައިނާ ކަނޑުގައި ޗައިނާގެ ބާރު ގަދަ ކުރުމަށް އެ ގައުމުން ކުރާ މަސައްކަތުގެ ބަޔެކެވެ. މި ބްރިޖާ އެކު ޖުމްލަ 11 ސިޓީއެއް ވަނީ ގުޅާލެވިފަ އެވެ. މި ބްރިޖާ އެކު ތިން ގަޑިއިރުން ކުރެވޭ ދަތުރުތައް 30 މިނެޓަށް ކުރުވެގެންދާނެ އެވެ.

މި ބްރިޖުމަތިން ޕްރައިވެޓު ކާރުތަކަށް ދަތުރު ކުރެވޭނީ ވަކި ހާޢްސަ ހުއްދައެއްގެ ދަށުންނެވެ. ހޮންގް ކޮންގުން ބްރިޖަށް އަރާ މީހުން ޖެހޭނީ ކާރުތައް ހޮންގް ކޮންގް ޕޯޓުގައި ކާރު ޕާކުކޮށްގެން ބަހުގައި ދަތުރު ކުރާށެވެ. ބަހުގެ އަގު އުޅޭނީ އަށް ޑޮލަރާއި 10 ޑޮލަރާ ދެމެދުގަ އެވެ.