24 Sep 2011, 09:38
ނިޔުޔޯކް (ސެޕްޓެމްބަރ 24) : އދ. ގެ ފުރިހަމަ މެންބަރަކަށް ވުމަށް އެދި ފަލަސްތީނުން ހުށަހެޅި ހުށަހެޅުމާމެދު އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް ވީ އެންމެ އަވަހަކަށް އެމައްސަލަ ސަލާމަތީ މަޖިލީހަށް ފޮނުވާނެ ކަމަށް އދ. ގެ ސެކްރެޓޭރިއަޓުން ބުނެފިއެވެ. "ފަލަސްތީނުގެ ހުށަހެޅުމަށް ބޭނުންވާ އިޖުރާއާތު ވީ އެންމެ އަވަހަކަށް ނިންމާލުމަށްފަހު ސަލާމަތީ މަޖިލީހުގެ ރައީސަށާއި ޖެނެރަލް އެސެބްލީގެ ރައީސަށް އެމައްސަލަ ފޮނުވާނަން" އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ ތަރްޖަމާން މާރޓިން ނިސްރިކީ ވިދާޅުވިއެވެ.
ފަލަސްތީނުގެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށްއެދި ރައީސް މަޙްމޫދް ޢައްބާސް ރަސްމީގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއަށް ހުށަހެޅުއްވީ ރޭގެ ވަގުތެއްގައެވެ. މިމައްސަލަ ހުށަހެޅުއްވީ ރައީސް ޢައްބާސް، ބާންކީ މޫންގެ އޮފީހަށް ވަޑައިގެން މިކަމާބެހޭ ލިޔެކިޔުންތަކުގެ ފައިލް ބާންކީ މޫންގެ އަތްޕުޅަށް އަރުވައިގެންނެވެ. މިފައިލްގެ ބޭރުގަނޑުގައި ފަލަސްތީނުގެ ދައުލަތުގެ ނަމާއި ނިޝާން ޖަހާފައިވެއެވެ. ބާންކީ މޫންވަނީ ފަލަސްތީނުގެ ހުށަހެޅު ރަސްމީކޮށް ބަލައިގަތްކަން ޢައްބާސްއަށް އަންގަވާފައެވެ.
މި މައްސަލަ ހުށަހެޅުއްވުމަށްފަހު އދ. ގެ ޖެނެރަލް އެސެމްބްލީގައި ތަޤްރީރު ކުރައްވަމުން ޢައްބާސްވިދާޅުވީ 1967 ގެ ހަނގުރާމައިގެ ކުރިން ފަލަސްތީނާއި އިސްރާއީލުގެ ސަރަޙައްދީ ރޮނގުއޮތް ހިސާބަކީ ދެޤައުމުގެ ސަރަޙައްދީ ރޮނގު ކަމަށާއި ޤުދްސަކީ ފަލަސްތީނުގެ ދައުލަތުގެ ވެރިރަށްކަމުގައެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ.ގެ ފުރިހަމަ މެންބަރުކަން ހޯދަން ހުށަހަޅަންޖެހުނީ މިމައްސަލަ ސުލްހަވެރިކަމާއެކު ޙައްލުކުރުމަށްޓަކައި އިސްރާއީލާ ވާހަކަ ދައްކަމުން ގެންދާތާ 20 އަހަރުވީ އިރުވެސް ފަލަސްތީނުގެ ޙައްޤުތަކަށް އިސްރާއީލުން އިންކާރުކޮށް ހިފާފައިވާ ބިންތަކުން ފޭބުމަށް ދެކޮޅު ހަދަމުން ގެންދާތީކަމަށް ޢައްބާސް ވިދާޅުވިއެވެ.
ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އިންކާރު ކުރުމުގެ އިތުރުން ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށްޓަކައި ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސްގެން އެބިންތަކުގައި ވަޒަންވެރިކުރުވުމުގެ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓާލުމަށްވެސް ތަކުރާރުކޮށް އިސްރާއީލު ދެކޮޅު ހަދަމުން ގެންދާ ކަމަށް ޢައްބާސް ވިދާޅުވިއެވެ.
ފަލަސްތީނުގެ މަޤްސަދަކީ އިސްރާއީލަށް ގެއްލުންދީ އިސްރާއީލު ނައްތާލުން ނޫންކަމަށާއި ފަލަސްތީނުން މަސައްކަތްކުރަނީ ފަލަސްތީނު ރައްޔިތުންގެ ބިމާއި ނިގުޅައިގަނެފައިވާ ޙައްޤުތައް ހޯދުމަށް ކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން، މިނިވަން ކަމަށްޓަކައި ފަލަސްތީނުން ކުރަމުން ގެންދާ ޖިހާދާ ދެކޮޅަށް އިސްރާއީލުން ސްޓޭޓް ޓެރަރިޒަމްގެ ހަރުކަށި ޢަމަލުތައް ހިންގާ ކަމަށާ އިސްރާއީލުން ހިންގާ ސްޓޭޓް ޓެރިރިޒަމްގެ ޢަމަލުތައް ހުއްޓާލުމަށް ޢައްބާސް، އިސްރާއީލުގެ ވެރިންނަށް ގޮވާލެއްވިއެވެ.
ފަލަސްތީނުން އދ. އަށް ހުށަހެޅި ހުށަހެޅުމަށް ރައްދު ދެއްވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ އދ. އަކީ އިސްރާއީލުގެ މުސްތަޤްބަލް އަނދިރިކުރާ ތަނެއް ކަމަށް ވިދާޅުވެ އދ. ގެ ޤަރާރުތަކަކީ އިސްރާއީލަށް ގެއްލުންދެނިވި ޤަރާރުތަކެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްހަ ޤާއިމްކޮށް މެދުއިރުމަތީގެ މައްސަލަ ހައްލުކުރެވޭނީ އދ. ން ބޭރުގައި ކަމަށާއި އދ. ގެ ތެރެއިން ފަލަސްތީނުގެ ދައުލަތް ނުއުފެއްދޭނެ ކަމަށްވެސް ނަތަނިޔާހޫ ވިދާޅުވިއެވެ.
މީގެއިތުރުން 1967 ގެ ހަނގުރާމައިގާ ހިފި ފަލަސްތީނުގެ ހުރިހާ ބިންތަކަކުން ފޭބުމަކީ "އިސްލާމީ ޓެރަރިޒަމް" އާލާވެ އިސްރާއީލުގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ވިދާޅުވެ ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ ޙައްޤުތައް އަނބުރައި ދިނުމަށް ދެކޮޅު ހައްދަވައި ނަތަނިޔާހޫ ވާހަކަ ދެއްކެވިއެވެ.
އިސްރާއީލު ގެންދަނީ ފަލަސްތީނުގެ ބިންތަކުން ފޭބުމާއި ފަލަސްތީނުގެ ޙައްޤުތައް އަނބުރައި ދިނުމަށް ގޮވާލާ އދ. ގެ 80 އަށްވުރެ ޤަރާރަށް ގޮންޖަހައި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ހަރުކަށިކަން ދައްކަމުންނެވެ. (އަލްޖަޒީރާ)