ސިނަމާލެ ބްރިޖު ހެދުމަށް މޫދުގައި ޖެހި ޕްލެޓްފޯމުގެ ދަނގަޑުތައް ނެގުމަށް ބްރިޖުގެ ވާތް ފަޅީގެ ލޭންތައް ބަންދު ކުރަން ޖެހޭ ކަމަށް ބްރިޖު ހެދި ކުންފުނި، ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ޕްރޮޖެކްޓް މެނޭޖަރު ވަންގް ޗާއޯ ވިދާޅުވެއްޖެ އެވެ.

އިއްޔެ ޗާއޯ ވިދާޅުވެފައި ވަނީ ބްރިޖު ހެދުމަށް ޓަކައި ހެދި ޕްލެޓްފޯމްގެ ބާކީ ހުރި ބައިތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދިވެސް ނުނަގާ ހުރި 61 ދަނގަޑު ހޮޅު އެބަ ހުރި ކަމަށް އޭނާ ބުންޏެވެ.

"އެ ހޮޅިތައް ނެގުމުގެ މަސައްކަތް ކުރުމަށް ބްރިޖުގެ ވާތް ފަޅީގައި ހުރި ލޭނުތައް ބޭނުންވާނެ. ލޭނުތައް ބަންދު ކުރުމަށް އެދި މިހާރު ވަނީ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައި." ޗާއޯ ބުންޏެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ކްރޭނެއް އަރުވާފައި ހުރި ބާޖެއް ބޭނުންކޮށްގެން 25 ހޮޅި ނަގާފައިވާ ކަމަށެވެ. އަދި ބްރިޖުގެ މައި ސަރަހައްދުގެ ކައިރީގައި ޖަހާފައި ހުރި 37 ހޮޅިއެއް ނަގާނީ ކަނޑު މަޑު ދުވަސްވަރެއްގައި ކަމަށް ވިދާޅުވި އެވެ.

ޗާއޯ ވިދާޅުވީ އެ 37 ހޮޅިއަކީ 50 މީޓަރުގެ ދިގު، 200 ޓަނުގެ ބަރުމިން ހުންނަ ހޮޅިތަކެއް ކަމަށެވެ. އަދި އެ ހޮޅިތައް ޖެހުމަށް ވުރެ ނެގުން އުނދަގޫކަން އޭނާ ފާހަގަކުރެއްވި އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯން އެހީ އާއި އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ހަދާފައިވާ ބްރިޖް ރަސްމީކޮށް ހުޅުވައިދެއްވީ، އޮގަސްޓް 30، 2018ގެ ރޭގަ އެވެ. އަދި އާންމު ދަތުރުފަތުރުތަކަށް ބްރިޖް ހުޅުވައިލީ ހުސްވި ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ.

ބްރިޖު ކައިރީގެ މޫދަށް ކޮންސްޓްރަކްޝަން ސައިޓުން ބޮޑެތި ހޮޅި ފަދަ ކުނި އެޅިފައި ހުރި ކަމަށް މީސް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ޗާއޯ ވިދާޅުވީ އެފަދަ މަސައްކަތް ކުރާ އިރު، މޫދަށް ކުނި އެޅުމަކީ އަބަދު ވެސް ވާ ކަމެއް ކަމަށެވެ. ނަމަވެސް ކުނި ނޭޅޭ ފަދަ ގޮތަކަށް މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.