ރިޝްވަތުގެ މައްސަލައެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ތިން އަހަރާއި ދެ މަސް ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް، ހައި ކޯޓުން ދާދި ދެންމެއަކު ބާތިލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލާގައި ނިންމި ނިންމުން އޭނާ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. މިއަދު އޮތީ އިސްތިނާފް މައްސަލައިގެ ހުކުމް އިއްވުމެވެ.

ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ހުކުމް ބާތިލްކުރުމަށް މިއަދު ނިންމާފައި ވަނީ، ހައިކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިއަދު އެ މައްސަލާގައި އިއްވި ހުކުމުގައި ބުނެފައި ވަނީ ގާސިމްގެ ބަލިހާލަތު އެ ދުވަސްވަރު ހުރީ ރަނގަޅަށް ނޫންކަން އޭނާ ދެއްކި ހޮސްޕިޓާތަކުން ދިން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އޭނާގެ ބަލި ހާލަތަށް ރިއާޔަތް ކުރަން ޖެހޭ މިންވަރަށް ރިއާތް ނުކޮށް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ޅ) އިން ލިބިދޭ ހައްގު އޭނާއަށް ކަށަވަރު ނުކުރެވޭ ގޮތަށް ކަމަށް ހުކުމުގައިވެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގާއި ގާނޫނީ ވަކީލެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގު ލިބިގެންވާ ކަމެވެ. އެކަން ހުކުމުގައި ފާހަގަކޮށްފައި ވަނީ ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގައި ކަމަށްވާތީއެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ގާސިމްގެ ޝަރީއަތުގު އިޖުރާތްތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ބާތިލު ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލު އެއްޗެއް ކަމަށް ހުކުމުގައި ފާހަގަ ކުރިއެވެ.

ގާސިމްގެ މައްޗަށް ކޮށްފައި ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށާއި އެހެން ކަމުން އެ ހުކުމް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ބާތިލު ކުރާ ކަމަށް މިއަދު ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ގާސިމްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރީ ކުނޫޒުގައި އޮތް ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި އެހީތެރިވުމުގެ ބަދަލުގައި މެމްބަރުންނަށް ރިޝްވަތު ދޭން ހުށަހެޅި ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގައި އެ ދައުވާ ސާބިތުވުމަށް ފަހު ގާސިމް ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ ޖަރުމަނުވިލާތަށް ވަޑައިގެންފައެވެ. ގާސިމް ޖަރުމަނަށް ވަޑައިގަތުމަށް ފަހު ރާއްޖެވައިގެންފައި ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކުރުމަށް ހައިކޯޓުން ނިންމުމުންނެވެ.