22 Oct 2018, 13:45
ޕީޕީއެމުން ހާއްސަ ގޮތުން ބޭއްވި ކޮންގްރެސްގައި އެ ޕާޓީއަށް ނިސްބަތް ނުވާ ފަރާތްތަކުން ބައިވެރިވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަންނަން ނިންމައި އެކަން އިލެކްޝަނުން ވަނީ ޕީޕީއެމްއަށް އަންގައިފަ އެވެ.
މިއަދު އިލެކްޝްނަސް ކޮމިޝަނުން އެ ކޮމިޝަނުގެ އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގް ބައްދަލުވުމުގައި ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އެޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވޭވީ އެ ޕާޓީގެ މެމްބަރުންނަށް އެކަނި ކަމަށެވެ.
އެހެންނަމަވެސް ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީއަށް ނިސްބަތްނުވާ އެ ޕާޓީގެ ދަފްތަރުގައި ނުހިމެނޭ 42 ފަރާތަކުން ބައިވެރިވި ކަމަށް އަކްރަމް ވިދާޅުވި އެވެ.
"އަދި ޕީޕީއެމްގެ ކޮންގްރެސްގައި މަގާމުތަކަށް ހޮވިފައިތިބި ބޭފުޅުން ވެސް އެބަތިބި ޕީޕީއެމްގެ ދަފުތަރުގައި އިލެކްޝަންސް ކޮމިޝަނުގައި ހިމެނިފައި ނުވާ ފަރާތްތައް." އަކްރަމް ވިދާޅުވި އެވެ.
ޕީޕީއެމްގެ މަގާމަކަށް ކުރިމަތިލެވޭނީ މަދުނުކެނޑި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހަތަރު މަސް ހޭދަ ކުރުމުން ކަމަށް ބުނެފައިވީ ނަމަވެސް އެކަމާ ހިލާފަށް މަގާމުތަކަށް މީހުން އިންތިހާބުކޮށްފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އެ ކޮމިޝަނުގެ ދެ މުވައްޒަފުން ޕީޕީއެމްގެ ކޮންގެރެސް އޮބްޒާވު ކުރަން ފޮނުވި ކަމަށާއި އެ މުވައްޒަފުން ފާހަގަކުރި ކަންކަމަށް ބަލާފައި ކޮންގްރެސް ބަލައި ނުގަންނަން ނިންމީ ކަމަށް ވެސް އަކްރަމް ވަނީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ ދެފަހަރެއްގެ މަތިން އެ މައުލޫމާތުތައް ފޮނުވާދިނުމަށް ޕީޕީއެމްގައި އެދިފައި. އެހެންނަމަވެސް އަޅުގަނޑުމެން އެ ޖަލްސާ ބޭއްވުމާ ހަމައަށް ވެސް އަޅުގަނޑުމެންގެ ނިންމުން ނިންމުމާ ހަމައަށްވެސް ޕީޕީއެމުން އެ މައުލޫމާތުތައް އަޅުގަނޑުމެންނަކާ ހިއްސާއެއް ނުކުރޭ." އަކްރަމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ކޮންގްރެސް ނިންމާފައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ވެސް މުޅިން ހިލާފަށް ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ކޮންގްރެސް ނުވަތަ އެހެން ޕާޓީއެއްގެ ކޮންގްރެސްއެއް ނަމަވެސް ބަލައި ނުގަނެ ފޮނުވާލަން ޖެހުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަންނަން ނިންމީ އެ ކޮމިޝަނުގެ މެމްބަރެއްގެ އޯޑިއޯއެއް ލީކުވެގެން ނޫން ކަމަށެވެ. އެހެން އަކްރަމް ވިދާޅުވެފައި ވަނީ އެފަދަ ތުހުކަތުތަކެއް ޕީޕީއެމުން ކޮށްފައި ވަނިކޮށެވެ.