22 Oct 2018, 13:47
ފަހު ވަގުތު ޖެހި ގޯލުން އިންޓަ މިލާނުން ވާދަވެރި އޭސީ މިލާންގެ މައްޗަށް ކުރި ހޯދައިފި އެވެ.
ރޭގެ މެޗު އިންޓާ އިން ކާމިޔާބު ކުރީ 1-0ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައި ނުވެ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިންޓާގެ ވާސާލްކޯ ވަނީ އަރިމަތިން ފޮނުވާލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެހެން ނަމަވެސް އެ ހަމަލާ އޭސީ މިލާންގެ ޒުވާން ކީޕަރު ޑޮނުރާމާ ވަނީ ދިފާއުކޮށްފަ އެވެ. އެއަށް ފަހު ލިބުނު ފުރުސަތެއްގައި އިންޓާގެ ޑި ވްރައި ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އެވެ.
ދެ ވަނަ ހާފުގައި ވެސް އިންޓާއަށް ހުސް ފުރުސަތުތަކެއް ލިބިގެން ދިޔަ އެވެ. އެހެން ނަމަވެސް އިންޓަގެ ވެސީނޯ، ޕެރިސިޗް އަދި ޕޮލިޓާނޯ އަށް ވެސް ވަނީ ފުރުސަތުގެ ބޭނުން ރަނގަޅަށް ނުހިފިފަ އެވެ.
އިންޓައަށް ތިން ޕޮއިންޓު ލިބުނު ގޯލު ކާމިޔާބު ކުރީ އެ ޓީމުގެ ކެޕްޓަން މައުރޯ އިކާޑީ އެވެ. މެޗުގެ 90 މިނެޓު ނިމި އިތުުރު ވަގުތުގެ ދެ މިނެޓުގެ ތެރޭގައި އިކާޑޯ ގޯލު ޖެހީ އަރިމަތިން ނެގި ހުރަހެއް ބޮލުން ފޮނުވާލައިގެންނެވެ.
މި ނަތީޖާއާ އެކު އިންޓަ ސެރީއޭގެ ތިން ވަނާގައި އޮތީ 19 ޕޮއިންޓާ އެކު އެވެ. އެއް މެޗު މަދުން ކުޅެފައިވާ މިލާން އޮތީ 12 ޕޮއިންޓާ އެކު 12 ވަނައިގަ އެވެ. އެއް ވަނާގައި 25 ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ދެ ވަނާގައި 21 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ.