22 Oct 2018, 13:09
ދިވެހި ރާއްޖޭގެ ހައިކޯޓުގެ އުތުރުގޮފީގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ފެށުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ވަފުދެއް އިއްޔެ ވަނީ ކުޅުދުއްފުއްޓަށް ގޮސްފަ އެވެ. ވަފުދުގައި ހިމެނޭ ތިން ފަނޑިޔާރުންނަކީ ޢަބަދުﷲ ޙަމީދާއި ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި ޢަލީ ސަމީރެވެ.
މިއަދު އުތުރު ގޮފީގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަދި ޝަރީޢަތް ފެށުމަށް ޓަކައި ވަޑައިގެންނެވި ވަފަދުގެ އިސްފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޯޓުގެ ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ވިދާޅުވީ ޝަރީޢަތް ހިންގަން ފެށުމުން، އެ ސަރަޙައްދުގެ ކޯޓުތަކުން ނިންމަވާ މައްސަލަތައް އިސްތިއުނާފް ކުރުމަށް ރައްޔިތުންނަށް ވަރަށްބޮޑަށް ފަސޭހަވެގެން ދާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި އެވެ.
ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީޢަތް ފެށުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ކައުންސިލް އިދާރާގެ ރައީސުގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ ތެރެއިން ޕޮލިސް، ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓު އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ކުޅުދުއްފުށީ ގޮފީގެ އިސްވެރިން ބައިވެރި ވެޑައިގެންނެވި އެވެ.
އުތުރުގޮފީގެ ފުރަތަމަ ޝަރީޢަތް މަޖިލިސް ފެށިގެންދިޔައީ މިއަދު ހެނދުނު 9.00 ގައެވެ. މިއަދު ހަތް މަސައްލައެއް އެ ގޮފިން ބަލާނެ އެވެ. ވަފުދުގެ މަސައްކަތް ނިންމާލާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވަނީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ. ހައިކޯޓުގެ ވަފުދުން މި ސަރަހައްދުތަކުގެ މައްސަލަތައް ބައްލަވާނެ އެވެ.