24 Sep 2011, 09:17
އިސްލާމް އާބާދު (ސެޕްޓެމްބަރ 24) : އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޙައްޤާނީ ނެޓްވާކަށް ޕާކިސްތާނުން އެހީވާކަމަށް އެމެރިކާ ތުހުމަތުކުރާތީ އެމެރިކާއާއެކު ބާއްވާ ސްޓްރެޓީޖިކް ޢަސްކަރީ ގުޅުންތައް ކަނޑާލާނެކަމުގެ އިންޒާރު ޕާކިސްތާނުން ދީފިއެވެ.
އެމެރިކާގެ ތުހުމަތުތަކާ ކޯފާވެވަޑައިގެން ދެއްވި ބަޔާނެއްގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރާ ހީނާ ރައްބާނީ ވިދާޅުވީ ޕާކިސްތާނާމެދު ދޮގު ތުހުމަތުތައްކޮށް ޕާކިސްތާނުގެ އަގުވައްޓާލަން އެެމެރިކާ މަސައްކަތް ކުރާނަމަ ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގާ އެމެރިކާއަށް އެއްބާރުލުން ދިނުން ޕާކިސްތާނުން ހުއްޓާލާނެ ކަމުގައެވެ.
ޓެރަރިޒަމާ އިދިކޮޅު ހަނގުރާމައިގާ ޕާކިސްތާން ގެއްލުމަކީ އެމެރިކާއަށް ތަޙައްމަލް ނުކުރެވޭނެ ކަމެއްކަމަށްވެސް ހީނާ ވިދާޅުވިއެވެ. މިމައްސަލާގައި އެމެރިކާއަށް އިންޒާރުދީފައިވާ ސިޓީއެއް މިހާރު ފޮނުވާފައިވާނެ ކަމަށާ ޕާކިސްތާނަކީ ޢަސްކަރީ ގޮތުންނާއި އިޤްތިސާދީ ގޮތުންވެސް އެމެރިކާއަށް ބަރޯސާވެގެން އުޅޭނެ ޤައުމެއްނޫން ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރާ މިމޭރުމުން އެމެރިކާއަށް އިންޒާރުގެ ބަސްތައް ރައްދު ކުރެއްވީ އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޙައްޤާނީ ނެޓްވާކަށް ޕާކިސްތާނުން ޢަސްކަރީ އަދި ޖާސޫސީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް ވިދާޅުވެ އެމެރިކާގެ ބައެއް މަސްއޫލުވެރިން ވާހަކަ ދައްކަވަމުން ގެންދަވާ ދުވަސްވަރެއްގައެވެ. ޕާކިސްތާނުގެ މައްޗަށް މިތުހުމަތު އެންމެފަހުން ކުރެއްވީ އެމެރިކާގެ ގުޅިފައިވާ ސިފައިންގެ އިސްކޮމާންޑަރު ޖެނެރަލް މައިކް މުލެންއެވެ. މުލެންވަނީ ޙައްޤާނީ ނެޓްވާރކުގެ ހަނގުރާމަވެރިން ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ތިބޭކަމަށްބުނެ ޕާކިސްތާނަށް ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
އެމެރިކާގެ ތުހުމަތުތަކާ ގުޅިގެން ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޝްފާޤު ކިޔާނީ އެމެރިކާގެ ތުހުމަތުތަކަށް އިންކާރު ކުރެއްވިއެވެ. އަދި ޕާކިސްތާނުގެ ދާޚިލީ ވަޒީރު މާލިކް ރަޙްމާންވަނީ ޕާކިސްތާން ސަރުކާރުގެ ހުއްދައަކާނުލައި ޕާކިސްތާނުގެ ބިމަށް އެއްވެސް ޙަމަލާއެއް ދީފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމުގެ އިންޒާރު އެމެރިކާއަށް ދެއްވާފަ އެެވެ. (އަލްޖަޒީރާ)