ކާމިޔާބު ފިލްމު އެކްޓަރު ޖޯން އަބްރަހަމް ލީޑު ރޯލު ކުޅޭ ފިލްމު "ބަތުލާ ހައުސް" ގެ ޝޫޓިން ފެށައިފި ކަމަށް ހަބަރުތަކުން ބުނެފިއެވެ.

ފިލްމުގެ ޝޫޓިން ފެށިކަން ހާމަކޮށް އެ ފިލްމު ޑައިރެކްޓްކުރާ ނިކިލް އަދްވާނީ ވަނީ އިންސްޓަގްރަމްގައި ޕޯސްޓެއްވެސް ކޮށްފައެވެ. އެ ފިލްމުގެ ކްރޫގެ ބައެއް މެންބަރުން އެ ޕޯސްޓުން ފެނެއެވެ.

އެފިލްމު ބިނާކޮށްފައިވަނީ ހަގީގީ ހާދިސާއެއްކަމަށްވާ ބަތުލާ ހައުސް އެންކައުންޓާ ނުވަތަ އޮޕަރޭޝަން ބަތުލާ ހައުސްގެ މައްޗަށެވެ. އެ ހާދިސާ އަކީ 2008 ވަނަ އަހަރު ހިނގާދިޔަ ހާދިސާއެކެވެ.

"ބަތުލާ ހައުސް"ގައި ޖޯން އާއެކު ބަތަލާގެ ރޯކުން ފެންނާނީ މަރްނާލް ތާކޫރްއެވެ. މަރްނާލް އަންނަ މަހުގެ އެއްވަނަ ދުވަހު ޝޫޓިންއަށް ގުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭނާ އަކީ ޑްރާމާ ސިލްސިލާ "ކުމް ކުމް ބާގިޔާ" އިން ވިދާލި ބަތަލާ އެކެވެ.

"ބަތުލާ ހައުސް" ގެ ޑައިރެކްޓަރު އިންސްޓާގްރާމްގަައި ޕޯސްޓުކޮށްފައިވާ ފޮޓޯ އެއް...

"ބަތުލާ ހައުސް" ގައި ޖޯން ފެނިގެންދާނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) ސަންޖީވް ކުމާރް ޔާދަވްގެ ރޯލުންނެވެ.

މި އަހަރުގެ މިހާތަނަށް ޖޯންގެ ދެ ފިލްމެއް ރިލީޒް ކޮށްފި އެވެ. އެއީ މިލަޕް މިލަމް ޒަވޭރީ ޑައިރެކްޓް ކުރި "ސަތިޔަމޭވް ޖަޔަތޭ" އާއި އަބީޝެކް ޝަރްމާ ޑައިރެކްޓްކޮށް މެއި މަހު ނެރުނު "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އެވެ.

މަރްނާލް މިހާރު އަންނަނީ އަންނަ އަހަރު ޖެނުއަރީ 25ގައި ނެރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ސުޕަ 30" ގައި މަސައްކަތް ކުރަމުންނެވެ. އެ ފިލްމުގައި އޭނާ ފެންނާނީ ރިތިކް ރޯޝަނާ އެކުއެވެ.

"ބަތުލާ ހައުސް" ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އޮގަސްޓު މަހުގެ 15 ގައެވެ.