ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެ ޕާޓީން އެއްވެސް މެމްބަރަކު ވަކި ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސްކަން ކުރެއްވި މައުމޫނު އަބްދުލްގައްޔޫމު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިފައި ވަނީ އެމަނިކުފާނު ޕާޓީގެ ރައީސް ކަމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެ މައްސަލާގައި ވަކި ގޮތެއް ނިންމަންދެން ޕީޕީއެމުން އެއްވެސް މެމްބަަރަކު ވަކިނުކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

"ކޮމިޝަނުން މިހާރު ނިންމާފައި ވަނީ ސިވިލް ކޯޓުން ޕީޕީއެމްގެ ލީޑާޝިޕާ ބެހޭ ގޮތުން ވަކިގޮތެއް ނިންމަން ދެން ޕާލިމެންޓް މެމްބަރަކު ވަކިކުރަން ހުށަހެޅިޔަސް އަޅުގަނޑުމެން އެއަކަށް އިޖާބައެއް ނުދޭނެކަން މިހާރު ވާނީ ކޮމިޝަނުގެ އިއްތިފާގުން ނިންމާފައި." ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ޕާޓީގެ ބައެއް މެމްބަރުން ވަކިކުރުމަށް ޓަކައި އިލެކްޝްންސް ކޮމިޝަނަށް ވަކި ސިޔާސީ ފިކުރެއްގައި ވަކި ނުފޫޒެއްގެ ދަށުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ބައެއް ޕާލިމެންޓް މެމްބަރުން ވަކި ކުރުމަށް ކަންތައްތަކެއް ހިނގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޕީޕީއެމްގެ ލީޑަޝިޕާމެދު ސުވާލު އުފައްދައި މީގެ ކުރިން ވެސް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެއްޅުއްވި އެވެ. އެ މައްސަލާގައި ނިންމީ ރައީސް ޔާމީނާ ޕީޕީއެމްގެ ހިންގުން ހަވާލު ކުރުމަށެވެ. އޭގެ ފަހުން ރައީސް މައުމޫނު އެ ޕާޓީން ވަކިކޮށް ރައީސް ކަމުގެ މަގާމު ގެއްލުވާލީ އެވެ.

ރައީސް މައުމޫނު ޕާޓީން ވަކިކުރީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި އެދިފައި ވަނީ އެ މައްސަލަ މުރާޖާ ކޮށްދިނުމަށެވެ.

ކޮމިޝަނުގެ ރައީސް ޝަރީފު މިއަދު ވިދާޅުވީ ރައީސް މައުމޫނު ޕީޕީއެމުން ވަކިކުރި މައްސަލަ މުރާޖާ ކުރަން އެ ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.