22 Oct 2018, 11:58
ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް ގެ ފަރާތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހު ބާއްވާ "ޕިންކް ރިބަން ރަން ވޯކް" އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ސީއެސްއެމް އާއި ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން ބާއްވާ އެ ދުވުން ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައެވެ. ބީއެމްއެލް އިން ބުނީ ހުޅުމާލޭގެ އިތުރުން ބީއެމްއެލްގެ ބުރާންޗް ހުންނަ ކޮންމެ ރަށެއްގައި ވެސް މި ދުވުން ކުރިއަށްދާނެ ކަމަށެވެ.
ދުވުމުގައި ބޭނުންކުރާ ޓީޝާޓް މާލޭގައި ހުންނަ ލެކިއުޓް ފިހާރައިން އަދި ހުޅުމާލޭ ރެޕިއުޓް ފިހާރައިން 150 ރުފިޔާ އަށް ގަންނަން ލިބެން ހުންނާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ދުވުން އޮންނަ ރަށްތަކުން ވެސް ޓީޝާޓް ގަންނަން ލިބެން ހުންނާނެ ކަމަށާއި ޓީޝާޓު ވިއްކައިގެން ލިބޭ ހުރިހާ ފައިސާ އެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ކެންސާ ސޮސައިޓީ އަށް ކަމަށެވެ.
ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން "ޕިންކް ރިބަން ރަން ވޯކް" ބޭއްވުމަށް ސީއެސްއެމް އަށް އެހީތެރިވަމުންނެވެ.