ނިޔުޔޯކް (ސެޕްޓެމްބަރ 23) : ފަލަސްތީނުގެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށްއެދި ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސް ރަސްމީގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއަށް ހުށަހަޅައިފި އެވެ.

މިކަން ހުށަހެޅުއްވީ ރައީސް ޢައްބާސް، ބާންކީ މޫންގެ އޮފީހަށް ވަޑައިގެން މިކަމާބެހޭ ލިޔެކިޔުންތަކުގެ ފައިލް ބާންކީ މޫންގެ އަތްޕުޅަށް އަރުވައިގެންނެވެ. މިފައިލްގެ ބޭރުގަނޑުގައި ފަލަސްތީނުގެ ދައުލަތުގެ ނަމާއި ނިޝާން ޖަހާފައިވެއެވެ. މިފައިލް ބާންކީ މޫންއަށް ހުށަހެޅުމުން ބާންކީ މޫން އެފައިލްް ހުޅުއްވުމަށްފަހު އޭގައިވާ ލިޔެކިޔުންތަކަށް ކުޑަކޮށް ނަޒަރު ހިންގަވާލެއްވުމަށްފަހު މިމައްސަލަ އދ. ގެ ޗާޓަރާ އެއްގޮތަށް ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެ މިފައިލާ ރަސްމީގޮތުން ޙަވާލުވެ ވަޑައިގެންނެވިއެވެ.

ފަލަސްތީނުގެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށްއެދުމުގެ މައްސަލަ ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސް ރަސްމީގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއަށް ހުށަހެޅުމުން ފުރަތަމަ ދިން ބަޔާނުގައި އިސްރާއީލުގެ ބޮޑުވަޒީރުގެ ތަރްޖަމާން ޝަމްރު ލިންގްވަނީ މިކަމާމެދު ހިތާމަކުރާ ކަމަށްބުނެ މި މައްސަލަ ފެންކޮށްލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަން ހާމަކޮށްފައެވެ. އަދި ފަލަސްތީނުގެ މައްސަލަ ޙައްކުރުމަށާއި ދައުލަތް އުފެއްދުމަށް ދާންޖެހޭ ތަނަކީ އދ. ނޫން ކަމަށްވެސް އިސްރާއީލުގެ ބޮޑުވަޒީރުގެ ތަރްޖަމާން ޝަމްރު ލިންގ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)