21 Oct 2018, 22:18
މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރެވެން ނެތް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމް ބަލައިގަންނަ ކަމަށް އެ މައްސަލަ ހުށަހެޅުއްވި ރައީސް އަބްދުﷲ ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމް އިން އެހެން ބުނީ އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
"އަބަދުވެސް މި ޕާޓީއަކީ ކޯޓުތަކުގެ ހުކުމްތަކަށް އިހްތިރާމް ކުރާ ޕާޓީއެއް. އެ އުސޫލުން މިއަދު ވެސް ސުޕްރީމް ކޯޓުން އެ ނިންމި ނިންމުން އެއީ އަޅުގަނޑުމެން އިހްތިރާމް ކުރާ ނިންމުމެއް ކަމުގައި ދަންނަވަން،" ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ނިންމުން ޕީޕީއެމުން ބަލައިގަތް ނަމަވެސް ރިޔާސީ އިންތިހާބްގެ ނަތީޖާއާ ގުޅިގެން އެ ޕާޓީއަށް ގެއްލިފައިވާ ހައްގު ހޯދުމަށް ފަށާފައިވާ މަސައްކަތް ހުއްޓާލާނީ ވަކި ކޮޅެއްގައި ޖެއްސުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުކުމުގެ ސަބަބުން އަޅުގަނޑުމެންގެ ޕާޓީއަށް ލިބުނީ އިތުރު ދިރުމެއް. އަޅުގަނޑުމެނަށް ލިބިގެންދިޔައީ އިތުރު ހިތްވަރެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބްގެ ނަތީޖާއަށް ފަހު އިންތިހާބުން ބަލިވެވަޑައިގަތް ޕީޕީއެމްގެ ކެންޑިޑޭޓު އަދި ރައީސް އަބްދުﷲ ޔާމީން ގައުމު ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނުމުން ދާތީ އަބްދުއްރަހީމް ވަނީ ރައްދު ދެއްވާފަ އެވެ.
"ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިލައިވަޑައެއް ނުގަންނަވާނެ. މި ރާއްޖޭގައި ސިޔާސީ މައިދާނުގައި ކެތް ނުކުރެއްވުގިން ފިއްލަވާ ލީޑަރުން އަޅުގަނޑުމެން ދެކެފިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީން ހުންނަވާނީ އިހްލާސްތެރިކަމާ އެކު ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އަދި ސިޔާސީ މައިދާން ދޫކުރައްވައި ފިއްލަވާ ލީޑަރުން ތިއްބެވީ އިދިކޮޅުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.