21 Oct 2018, 19:35
ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރުގޮފީގެ ޝަރީޢަތްތައް ފެށުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ކުޅުދުއްފުށްޓަށް ވަޑައިގެންފި އެވެ.
ކުޅުދުއްފުށްޓަށް ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރުއެވެ.
ހދ. ކުޅުދުއްފުށީގައި ޤާއިމްކުރެވިފައިވާ ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވަނީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ. ހައިކޯޓުގެ ވަފުދުން މި ސަރަހައްދުތަކުގެ މައްސަލަތައް ބަލާނެ އެވެ.
ހައިކޯޓުގެ އުތުރުގޮފީގައި ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމްތައް ހައިކޯޓުން ކުރިއަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން 14 އޮގަސްޓްގައި ނެރުއްވާފައިވާ ޤަރާރުގައި ވަނީ އަންގާފަ އެވެ.
ހައިކޯޓުން ބުނީ، ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން އެގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމަށް ލުއި ފަސޭހަވެ، އިސްތިއުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވާނެ ކަމަށެވެ. އަދި މައްސަލަތަކާއި ގުޅިގެން މައްސަލައިގެ ހިމެނޭ ހަސްމުން ކުރަން ޖެހޭ ހަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ.