ނޮވެމްބަރު 11 ގައި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ އިބޫ ނޮވެމްބަރު 11ގައި ހުވާ ކުރުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް އެ ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ރައީސުން ހުވާ ކުރަމުން އަންނަނީ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، 2013 ވަނަ އަހަރު އިންތިހާބު ބާތިލު ކުރުމަށް ފަހު ދެވަނަ ފަހަރަކަށް އިންތިހާބު ބޭއްވުމުން، އެފަހަރު އިންތިހާބުވެވަޑައިގެންނެވި ރަައީސް ޔާމީން ހުވާ ކުރެއްވީ ނޮވެމްބަރު 17ގަ އެވެ.

އެހެން ކަމުން އިބޫ ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ދައުރު ނިމުމުން ނޮވެމްބަރު 17 ވަނަ ދުވަހު ކަމަށް މީގެ ކުރިން ބަންޑާރަ ނައިބު އަނިލް ވަނީ ލަފާ ދެއްވައިފަ އެވެ.

އެހެން ނަމަވެސް ގާނޫނީ ވަކީލުން ވިދާޅުވަނީ ރައީސް ޔާމީން ނޮވެމްބަރު 17ގައި ހުވާ ކުރެއްވީ ޒަރޫރީ ހާލަތެއްގައި ކަމަށެވެ. އެހެން ކަމުން އިބޫ ނޮވެމްބަރު 11ގައި ހުވާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.