މެލޭޝިޔާގެ މަޝްހޫރު ފާސްޓް ފުޑް ޗެއިން، މެރީ ބްރައުންގެ ރެސްޓޯރެންޓެއް ލިލީ ގްރޫޕް އިން މާލޭގައި ހުޅުވައިފި އެވެ.

އިއްޔެ ހަވީރު ބޭއްވި ހަފްލާއެއްގައި އެތަން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދެވެ. މެރީ ބްރައުންގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރު ނޭންސީ ލިއު އާއި އޭނާގެ ފިރިކަލުން ވެސް އެ ހަފްލާގައި ބައިވެރިވެވަޑައިގަތެވެ.

ބޮޑުތަކުރުފާނު މަގުން ޓެނިސް ކޯޓު ކައިރީގައި ހުޅުވި މެރީ ބްރައުންގެ ރެސްޓޯރެންޓުން އެކި ބާވަތްތަކުގެ ފާސް ފުޑް ލިބެ އެވެ. އޭގެ ތެރޭގައި ސޭންޑްވިޗާއި ބާގާ، ފްރައިޑް ޗިކަން އަދި ފުރައިޑް ރައިސް ވެސް ލިބެ އެވެ.

ދެބުރިއަށް ހަދާފައި ހުރި މެރީބްރައުންގެ އެ ރެސްޓޯރެންޓުގައި ކުޑަކުދިންނަށް ހާއްސަ ބައެއް ވެސް ހިމެނެ އެވެ. އަދި އެތަނުން ކުޑަކުދިންގެ ޕާޓީތަކާއި ތަފާތު ހަފްލާތަކަށް ކޭޓާ ކުރުމުގެ ހިދުމަތް ވެސް ދޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މެރީބްރައުންގެ 250 އައުޓްލެޓް މެލޭޝިއާ، އަޒަރްބައިޖާން، އިންޑޮނީޝިއާ، ޗައިނާ، އީރާން، ކުވައިތު، ގަތަރު، ބަހްރެއިން، އިންޑިއާ، ސްރީލަންކާ، ސައޫދީ އަރަބިއްޔާ އަދި މިހާރު ރާއްޖޭގައި މިވަނީ ހުޅުވައިފަ އެވެ.