ސަންޢާ (ސެޕްޓެމްބަރ 23) : ބޭސްފަރުވާއަކަށްޓަކައި ހަތަރުމަސްވަންދެން ސައޫދީ އަރަބިއްޔާގައި ހުންނެވުމަށްފަހު ޔަމަންގެ ރައީސް އަލީ އަބްދުﷲ ސާލިޙް ކުއްލި ގޮތެއްގައި މިއަދު އެނބުރި ގައުމަށް ވަޑައިގެންފި އެވެ.

ސާލިޙް އެނބުރި ގައުމަށް ވަޑައިގަތުމާގުޅިގެން ޔަމަންގެ އިދިކޮޅު ފަރާތްތައް ވަނީ ރުޅިގަދަވެފައެވެ. ސާލިޙްގެ ދިގުލީ ވެރިކަން ވައްޓާލުމަށް ޓަކައި މީގެ އަށް މަސްކުރިން ފެށިގެން މުޒާހަރާތައް ކުރިޔަށްގެންދާ ޔަމަންގެ ޒުވާނުންގެ ޖަމާއަތަތްތަކުން ބުނީ ސާލިޙްގެ ވެރިކަން ވައްޓާލުމަށް ކުރާ މަސައްކަތް ދެގުނައަށް އިތުރުކުރުން ނޫންގޮތެއް ނެތްކަމަށާއި ޔަމަންގައި ހަމަޖެހިގެން ވެރިކަން ކުރުމުގެ ފުރްސަތު ސާލިހާއި އޭނާގެ ދަރިންނަށާއި ޤަބީލާއަށް ނުދޭނެ ކަމުގައެވެ.

އިދިކޮޅު ޒުވާނުންގެ އެކްޓިވިސްޓަކު ބުނިގޮތުގައި ސާލިޙް އެނބުރި ޤައުމަށް ވަޑައިގަތުމަކީ ރޯވެފައިވާ އަލިފާން ގަނޑަށް އަލުން ތެޔޮޖެހުން ކަމަށާއި މައްސަލައަކީ ސާލިޙް ވެރިކަމުންއިސްތިއުފާ ނުދެއްވުން ކަމުގައެވެ.

އުމުރުން 69 އަހަރުގެ ސާލިޙް ސަޢޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒުގެ ހޮސްޕިޓަލަކަށް ކުއްލި ޙާލަތުގައި ގެންދެވުނީ މިދިޔަ ޖޫންމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެއީ އޭނާގެ ރިޔާސީ އެކުވެނީގެ މިސްކިތުގައި ހުކުރުނަމާދު ކުރައްވަން ހުންނަވަނިކޮށް ގޮތްނޭންގޭ ފަރާތަކުން ދިން ވަރުގަދަ ހަމަލާއެއްގައި ވަރަށް ބޮޑަށް ޒަޚަމްވެ ވަޑައިގަތުމާ ގުޅިގެންނެވެ.

ސާލިޙް ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. (އަލްޖަޒީރާ)