14:30


ފަނޑިޔާރުންގެ އަބުރާއި ޝަރަފަށް ބެއްލެވުމެއްނެތި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާކަމީ އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއާ މެދު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ނުރަނގަޅު ތަސައްވުރު ދޭހަވެގެންދިޔަ ކަމެއް ކަމުގައި ފަނޑިޔާރުންގެ ޖަމިއްޔާއިން ބުނެފި އެވެ.


ރައީސް ނަޝީދު މިދިޔަ ހުކުރު ދުވަހު ދެއްވި ރޭޑިއޯ ޚިތާބުގައި ފަނޑިޔާރުން އައްޔަން ކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާމެދު އަލުން ވިސްނާވަޑައިގެން އެ މިންގަނޑުތައް އިސްލާހުކުރުމަށް އެދޭ ވާހަކަ ޖޫޑިޝަލް ސާރވިސް ކޮމިޝަނުގައި ސިޓީ އަކުން ދަންނަވާފައިވާ ކަމަށް ވިދާޅުވެފައިވާތީ، އެކަމަށް ރައްދުދީ ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ރޭޑިއޯ ޚިތާބުގައި ޢަދުލު އިންސާފު ގާއިމުކުރުމަށް މަސައްކަތްކުރާ ފަނޑިޔާރުންގެ ގާބިލުކަމާމެދު އަދި ފަނޑިޔާރުގެ އާއި މެދު ރައްޔިތުންނަށް އޮންނަ އިތުބާރާއި ޔަގީންކަން ގެއްލި، ފަނޑިޔާރުންނާއި ބެހޭ ގޮތުން ރައްޔިތުންނަށް ނުރަނގަޅު ތަސައްވުރެއް ލިބިދޭ ގޮތެއްގައި ވާހަކަފުޅު ދައްކަވާފައިވާ ކަމީ އެ ޖަމިއްޔާއިން ހިތާމަކުރާ ކަމެއް ކަމަށެވެ.


ރައީސް ނަޝީދު މިދިޔަ ހަފްތާގެ ހުކުރު ދުވަހު ދެއްވި ރޭޑިއޯ ޚިތާބުގައި ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަވާކަން ނުވަތަ ނޫންކަން ބެލުމަށް ކަނޑައަޅައިފައިވާ މިންގަނޑު އިސްލާހުކޮށްދިނުމަށް ޖޭއެސްސީގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.