ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ވިދްޔާ ބާލަންއާއި އަކްޝޭ ކުމާރު އެގާރަ އަހަރު ފަހުން ފިލްމެއްގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އިއުލާންކޮށްފިއެވެ.

އެ ދެތަރިން އެކުގައި ސިނަމާއަށް އަންނަށް އުޅޭ ފިލްމުގެ ނަމެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އަކްޝޭއާއި ވިދްޔާ މީގެ ކުރިން ވަނީ އެކުގައި ބައެއް ފިލްމުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި " ހޭ ބޭބީ" އާއި "ބޫލް ބުލައިާ" ފަދަ ފިލްމުތައް ހިމެނެއެވެ. މި ދެ ފިލްމުގައި ވެސް އެދެތަރިން ވަނީ މޮޅު އެކްޓިން އެއް ދައްކާފައެވެ.

އުމުރުން 51 އަހަރުގެ އަކްޝޭ އާއި އުމުރުން 39 އަހަރުގެ ވިދްޔާގެ ކުރިޔަށް އޮތް ފިލްމުގައި ދެމީހުން ފެނިގެންދާނީ ލޯބިވެރިންގެ ރޯލުންނެއް ނޫނެވެ. ދެމީހުން ވެސް ފެނިގެންދާނީ ސައިންޓިސްޓުންގެ ރޯލަކުން ކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ.

އަކްޝޭ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މި އަހަރު ރިލީޒް ކުރި ފިލްމު "ގޯލްޑް" އިންނެވެ. މިހާރު އަންނަނީ "ހައުސްފުލް 4"ގައި މަަސައްކަތް ކުރަމުންނެވެ. ވިދްޔާގެ އެންމެ ފަހު ފިލްމަކީ "ބޭހަމް ޖާން" އިންނެވެ.