20 Oct 2018, 17:42
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހި ބަހުން ޓްވީޓު ކުރައްވައިފި އެވެ.
ދެ ދިވެއްސަކު ކިޔާފައިވާ "ވައިޝްނަވް ޖަން ތޯ"ގެ ކަވާއެއް ޓްވީޓު ކުރެއްވުމަށް ފަހު ދިވެހިބަހުން މިއަދު މޯދީ ވިދާޅުވީ "ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅިން" ދައްކުވައިދޭ ކަމަށެވެ.
"ވައިޝްނަވް ޖާން ތޯ" މި ލަވަ ކިޔުއްވާފައިވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާއެވެ. ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދެއެވެ.
— Narendra Modi (@narendramodi)October 20, 2018
މޯދީ މި ލަވައާއެކު ގާންދީ އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް އިންޑިއާގައި ފެށި ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި މަހާތުމާ ގާންދީގެ 150 ވަނަ އުފަންދުވަސް މި އޮކްޓޫބަރު މަހު ފާހަގަކުރަމުންދެއެވެ.
މޯދީގެ ޓްވީޓުތަކުގައި ވިދާޅުވެފައިވާ ގޮތުގައި މި ލަވައަކީ ގާންދީއަށް އެންމެ ކަމުދިޔަ ލަވައެވެ.
މޯދީ ދިވެހި ބަހުން ޓްވީޓު ކުރައްވާފައިވާ އިރު އޭނާ މިއަދު ވަނީ އެހެން ބައެއް ގައުމުތަކުގެ ބަސްތަކުން ވެސް ޓްވީޓު ކުރައްވައިފަ އެވެ. އެގޮތުން އަރަބި، މަޑަގަސްކާގައި ވާހަކަދައްކާ މަލަގާސީ ބަސް، މޯލްޓާ ބަސް އަދި މެލޭ ބަހުން ވަނީ ޓްވީޓުކުރައްވާފައެވެ.
އިންޑިއާއަކީ ޒަމާނުއްސުރެ ދިވެހި ރާއްޖެއާ އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމެވެ. އިންޑީއާގެ ރަސްމީ ބަސް ކަމަށްވާ ހިންދީއާއި ދިވެހިރާއްޖޭގެ ރަސްމީ ބަސް ކަމަށްވާ ދިވެހިބަސް އުފެދިފައި ވަނީ ސަންސްކްރިތުންނެވެ.
ދިވެހިބަހާއި އިނގިރޭސި ބަސް ޖެހިގެން ދިވެހިންނަށް އެންމެ ބޮޑަށް އެނގޭ އެއް ބަހަކަށް ވާނީ ހިންދީ ބަހެވެ. އެހެން ނަމަވެސް ދިވެހިބަހަކީ ހިންދީންގެ މަދު ބަޔަކަށް ނޫނީ އެނގޭ ބަހެއް ނޫނެވެ.
އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމުގައިވާ ލަކްޝަދީބުގެ މަލިކުގައި ދިވެހިބަހަކީ ރަސްމީ ބަހެކެވެ.