20 Oct 2018, 13:58
ދިއްލީ (އޮކްޓޯބަރު 20): އިންޑިއާގެ ޕަންޖާބުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 60 މީހަކު މަރުވެ، 100 މީހަކަށް އަނިޔާވެއްޖެ އެވެ.
ޕަންޖާބުގެ އަމްރިތްސަރުގައި އެހާދިސާ ހިނގީ ދީނީ ހަފްލާއަކަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބި ސަރަހައްދެއްގަ އެވެ.
ޕަންޖާބުގެ ކޮންގްރެސް ޕާޓީ ލީޑަރު ޕްރަތާޕް ސިންހު ބަޖުވާ ވިދާޅުވި ގޮތުގައި އެހަފްލާއަށް ދިޔަ ބައެއް މީހުން ތިބީ ބަޑިބޭސް ބަލާލުމަށް ޓަކައި ރޭލު ދަގަނޑު މައްޗަށް އަރަ އެވެ. އަދި އެސަރަހައްދުގައި އަޑު ގަދަ ކަމުން އެމީހުންނަށް ރޭލު ދިޔަ އަޑު ނީވުނީ އެވެ.
ރެއިލްވޭ އޮފިޝަލަކާ ހަވާލާދީ އެންޑީޓީވީން ބުނި ގޮތުގައި ގިނަ އަދަދެއްގެ މީހުން ރޭލު ދަގަނޑު މަތީ ތިބި ނަމަވެސް، ރޭލަށް ނުހުއްޓުނީ ދުން ބޯވެފައި އޮތުމުން އެމީހުން ނުފެންނާތީ އެވެ.
އެހާދިސާއާ ގުޅިގެން ޕަންޖާބުގެ ސަރުކާރުން ވަނީ އަނިޔާވި މީހުންނަށް ހިލޭ ބޭސް ފަރުވާ ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. އަދި އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ފަސް ލައްކަ ރުޕީސް (6,805 ޑޮލަރު)ގެ ބަދަލު ދޭނެ ކަމަށް ބުނެފަ އެވެ.