އެސިޑްގެ ހަމަލާއެއްގެ ޝިކާރަ އަކަށްވި ލަކްޝްމީ އަގަރްވާލްގެ މައްޗަށް ހަދަން އުޅޭ ފިލްމުގެ ލީޑު ރޯލު ހަވާލުކޮށްފައިވާ ކުޅަދާނަ ފިލްމީ ތަރި ދީޕިކާ ޕަދުކޯން އަށް އެ ރޯލު އެންމެ ފުރިހަމަޔަށް ދެއްކޭނެ ކަމަށް ލަކްޝްމީ ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ލަކްޝްމީ ބުނެފައި ވަނީ އޭނާގެ ރޯލު ދީޕިކާ ކުޅޭތީ ވަރަށް އުފާވާ ކަމަށާއި ދީޕީކާގެ އެކްޓިން އަށް އިތުބާރު ކުރާ ކަމަށެވެ.

ލަކްޝްމީ ބުނެފައި ވަނީ ދިޕިކާ އަކީ ހުރިހާ ފިލްމެއްގައި ވެސް މޮޅު އެކްޓިން ދައްކާ ތަރި އެއް ކަމަށާއި އޭނާގެ ހަޔާތަށް ހަދާ ފިލްމުގައި ވެސް އެހާ މޮޅު ރޯލެއް ދައްކާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭގެ އިތުރުން ލަކްޝްމީ ބުނެފައި ވަނީ އޭނާގެ ހަޔާތަށް ހަދާ ފިލްމުން ގިނަ ބަޔަކު ހޭލުންތެރިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެސިޑް ހަމަލާގައި ޝިކާރައަކަށްވީ ލަކްޝްމީ...

ލަކްޝްމީ އެސިޑުގެ ޝިކާރައަކަށްވީ އޭނާގެ އުމުރުން 15 އަހަރުގައި އުމުރުން 32 އަހަރުގެ ފިރިހެނެއް އޭނާ ގާތު ލޯބީގެ ގޮތުން ގުޅެން ބުނުމުން އެކަމަށް ނުގަބޫލުވުމުންނެވެ. ނަމަވެސް އޭނާ އެކަމުން ސަލާމަތްވެ، ވަނީ އެސިޑު ހަމަލާގެ ޝިކާރައަކަށްވާ މީހުންނަށް އަމާޒުކޮށް އެންޖީއޯއެއް ހުޅުވައިފަ އެވެ.

އެ ފިލްމު ޑައިރެކްޓްކުރަނީ މެގްނާ ގުލްޒާރު އެވެ. އޭނާ އާ ލަކްޝްމީ ދިމަވީ 2016 ވަނަ އަހަރުގައި ކަމަށް އެ އިންޓަވިއުގައި ލަކްޝްމީ ބުނެފައިވެ އެވެ.

ލަކްޝްމީ މިހާރު އުޅެެނީ ނޫސްވެރިޔަކާ ކައިވެނި ކޮށްގެންނެވެ. އޭނާގެ އުމުރުން 28 އަހަރުވެފައި ވާއިރު އެ ދެމަފިރިންގެ އަންހެން ދަރިޔެއް ވެސް އެބަ ހުއްޓެވެ.