19 Oct 2018, 13:32
ކ. ފުށިދިއްގަރު ފަރަށް އަރާފައިވާ ދޯންޏެއްގެ ސާމާނުތައް އޮޔާދަމުން ދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ވ. އަތޮޅުގައި މަސްވެރިކަން ކުރުމަށްފަހު މާލެއަށް ދަތުރުކުރުމުން ދަނިކޮށް ފުށިދިއްގަރު ފަރުގެ އިރުމަތީ ފަރާތަށް އަރާފައިވަނީ "މުގުލަސް" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯނީގައި ހުރި ބައެއް ސާމާނު އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ދަތުރުވެރިން އިތުރަށް ސަމާލުވާން އެދޭ ކަމަށެވެ.
އެ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ ދަންވަރު 01:23 ގައި ކަމަށާއި 80 ފޫޓުގެ އެ ދޯނި ކައިރީގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ކޯސްޓްގާޑުގެ ލޯންޗުގައި ގޮސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ދޯނި ފަރަށް އެރިއިރު އޭގައި ތިބީ ދިވެއްސަކާއި ހަތަރު ބިދޭސީންކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ފަސް މީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި ކޯސްޓްގާޑުން ގުޅިގެން ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީގެ ކުރިން ފުށިދިއްގަރު ފަރަށް ޓަގަކާއި ބާޖެއް އެރި މައްސަލާގައި ވަނީ އެ ދެ އުޅަަނދުގެ ލޯކަލް އޭޖެންޓުގެ ގޮތުގައި ހަރަކާތްތެރިވަމުން އައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑު 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ.