މުހައްމަދު ޝާން އަދި ހައްވާ ލުބްނާ

އަންނަ މަހުގެ 30 އިން ފެށިގެން ހުޅުމާލެއާއި ވިލިމާލެ ފެރީ ޓިކެޓުގެ އަގު ބޮޑުކުރަން ނިންމާފައިވާތީ، ހުޅުމާލޭގައި އެކަމާ ދެކޮޅަށް މިއަދު މުޒާހަރާކޮށްފި އެވެ.

ގާތްގަނޑަކަށް މިއަދު މެންދުރު 2:00 ޖަހާއެހާކަންހާއިރު ފެށި މުޒާހަރާ ނިންމާލީ އިރުއްސި ހައެއް ޖަހަން އުޅެނިކޮށް. މުޒާހަރާގެ ބައިވެރިން ތަކުރާރުކޮށް ގޮވަމުންދިޔައީ، ފެރީ ޓިކެޓުގެ އަގު ބޮޑުކުރުމަށް އެމީހުން ނުރުހޭ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ އަތްމަތި އިތުރަށް ދަތިވެ، އުނދަގޫ ތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން އަޑުގަދަކުރާއާއި ބޯޑުތައް ހިފައިގެން ހުޅުމާލެ ފެރީ ޓަމިނަލް ކައިރިއަށް އެއްވެ، ވަނީ އެތަނުގެ ޓިކެޓު ކައުންޓަރު ބަންދުކޮށްފަ އެވެ. އަދި މާލެ ފުރިޔަ ނުދީ ފެރީތައް ހިފަހައްޓާފައިވާއިރު، މާލެއިން ހުޅުމާލެ ދިޔަ ފެރީތަކަށް ވެސް ވަނީ އަނބުރާ މާލެ ފުރަން ހުރަސް އަޅައިފަ އެވެ. އެކަމުގެ ސަބަބުން މާލެ ދާން ބޭނުންވެފައި ތިބި ގިނަ ބަޔަކު ވަނީ ހުޅުމާލޭގައި ތާށިވެފަ އެވެ.

ވަޒީފާއަށާއި ބޭސް ފަރުވާ އަށް މާލެ ދާން ބޭނުންވެފައި ތިބި މީހުންނާއި ސްކޫލްތަކުގެ ހަރަކާތްތަކުގައި ބައިވެރިވާން މާލެ ދިއުމަށް ތައްޔާރުވެފައި ތިބި ބައެއް ދަރިވަރުން ވެސް ވަނީ ނުފުރިގެން އެނބުރި ގެއަށް ގޮސްފަ ކަމަށް އެ މުޒާހަރާ ކަވަރު ކުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.

މުޒާހަރާ ނިންމާލުމާއެކު މާލެ ދާން ގިނަ ބަޔަކު ވަނީ ޓިކެޓު ނަގަން ކިޔޫގައި ޖެހިފަ އެވެ.

މުޒާހަރާ ނިންމާލީ ފެރީ ޓިކެޓުގެ އަގު ތިރިކުރުމަށް މާލެ ސިޓީ ކައުންސިލުން އެމްޓީސީސީއާއެކު މަޝްވަރާކުރަމުންދާ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް މުޒާހަރާގެ ބައިވެރިން ބުންޏެވެ. ނަމަވެސް، މައްސަލަ ހައްލު ނުވެއްޖެ ނަމަ އަންނަ އާދީއްތަ ދުވަހު އަލުން މުޒާހަރާއަށް ނުކުންނާނެ ކަމަށް ވެސް އެމީހުން ބުންޏެވެ.

އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސާ މުހައްމަދު ޒަމީލު މިއަދު މެންދުރު ވިދާޅުވީ، މުޒާހަރާ ވެސް ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އަދި ޕޮލިސީ ލެވެލްގައި އަގު ކުޑަ ކުރަން ނިންމާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އަގު ބޮޑުކުރަން ޖެހުނީ ތެލުގެ އަގު ބޮޑުވެ، ކުންފުންޏަށް ގެއްލުން ވަމުންދާތީ ކަމަށެވެ.

އެމްޓީސީސީން ވިލިމާލެ އާއި ހުޅުމާލެ އަށް ދެމުންގެންދާ ފެރީގެ ޓިކެޓްގެ އަގު، ވިލިމާލެ އަށް ފަސް ރުފިޔާ އަށް އަދި ހުޅުމާލެ އަށް އަށް ރުފިޔާ އަށް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.

17:54 މުޒާހަރާ ނިންމާލިކަން އިއުލާންކޮށްފި. މުޒާހަރާ ނިންމާލީ ފެރީ ޓިކެޓުގެ އަގުގެ މައްސަލާގައި ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އެމްޓީސީސީއާއެކު މަޝްވަރާކުރަމުންދާ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް މުޒާހަރާގެ ބައިވެރިން ބުނި. ނަމަވެސް، މައްސަލަ ހައްލު ނުވެއްޖެ ނަމަ އަންނަ އާދީއްތަ ދުވަހު އަލުން މުޒާހަރާއަށް ނުކުންނާނެ ކަމަށް ބުނި.
-----------------------

17:34 މާލެއިން ހުޅުމާލެ ދިޔަ ފެރީތަކެއް ވަނީ ހިފަހައްޓާފައި. މިވަގުތު ހުޅުމާލެ ބަނދަރުގައި އަށް ފެރީ އެބައޮތް.

17:32 ބައެއް މީހުން ބަހުގައި ހުޅުމާލެ ގޮސް، ހުޅުލޭ ފެރީގައި މާލެ އަންނަމުން އެބަދޭ. އެކަން ހުއްޓުވުމަށް މުޒާހަރާގެ ބައެއް މީހުން މަސައްކަތް ކުރުމުން ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް އެބަ ހިނގާ.

17:25 އަދިވެސް މުޒާހަރާ އިތުރަށް ހޫނުވަމުން ދަނީ. ފުލުހުންގެ އިތުރު ފައުޖެއް ވެސް ވަނީ ގޮސްފަ. ގާތްގަނޑަކަށް 50 އަކަށް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި އެބަވޭ. ނަމަވެސް، މުޒާހަރާ ކުރާ ފަރާތްތަކުން ބުނަނީ ހުއްޓާ ނުލާނެ ކަމަށް. ނަމަވެސް، އެއްވެ ތިބި މީހުން ދަނީ އެކަމަށް އަދިވެސް ހުރަސް އަޅަމުން. ފުލުހުން އެމީހުން ކޮންޓްރޯލްކުރެވޭތޯ އެބައުޅޭ. ނަމަވެސް އަދި ބާރުގެ ބޭނުންކޮށްފައެއް ނުވޭ.

15:20 ފުލުހުންގެ ސްޓާފޯސް ހުޅުމާލެ އަށް ގޮސްފި. ގިއަރުގައި ތިބި ގާތްގަނޑަކަށް 20 އަކަށް ފުލުހުން އެބަތިބި. ހުޅުމާލެ ޓިކެޓް ކައުންޓަރު މުޒާހަރާ ކުރާ މީހުން ވަނީ ބަންދުކޮށްފައި.

15:10 މުޒާހަރަކާ ކުރާ މީހުންގެ އަދަދު އިތުރުވަމުން ދަނީ. މާލެ ނުދެވިފައި ގިނަ އަދަދެއްގެ ބަޔަކު ފެރީ ޓާމިނަލްގައި އެބަތިބި ކަމަށް ސަންގެ ނޫސްވެރިޔާ ބުނި. އަދި ސްކޫލް ހަރަކާތްތަކުގައި ބައިވެރިވާން މާލެ އަންނަން ޖެހޭ ބައެއް ކުދިންވެސް ތިބީ އެތަނުގައި ތާށިވެފައި. މުޒާހަރާ ކޮންޓްރޯލް ކުރުމަށް އިތުރު ފުލުހުން އެސަރަހައްދަށް ދާން ތައްޔާރުވާ ކަމަށް މައުލޫމާތު ލިބޭ.

14:57 އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސާ މުހައްމަދު ޒަމީލު ދެންމެ ވިދާޅުވީ މުޒާހަރާ ވެސް ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އަދި ޕޮލިސީ ލެވެލްގައި އަގު ކުޑަ ކުރަން ނިންމާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އަގު ބޮޑުކުރަން ޖެހުނީ ތެލުގެ އަގު ބޮޑުވެ، ކުންފުންޏަށް ގެއްލުން ވަމުންދާތީ ކަމަށެވެ.

14:38 ފެރީތައް ފުރުން ހުއްޓުވައިފި.

14:27 އެމްޓީސީސީގެ ސީއީއޯ ހުސައިން އަމުރުގެ އިސްތިއުފާ އަށް ވެސް ގޮވަމުން އެބަދޭ.

14:23 މުޒާހަރާ ކުރާ މީހުން ފެރީތައް ކުރިމަތީގައި އިށީދެ ތިބެ މުޒާހަރާ ކުރަން ފަށައިފި އެވެ. މުޒާހަރާ ކުރާ މީހުން ގޮވަމުން ދަނީ ފެރީގެ އަގު ތިރިކުރަން ދެން މުޒާހަރާ ކުރާނެ ކަމަށެވެ. ނޫނީ ސަރުކާރު ވެއްޓެންދެން މުޒާހަރާ ކުރާނެ ކަމަށެވެ.

14:18 ހުޅުމާލޭގައި ހުރި ސަންގެ ރިޕޯޓަރު ބުނީ ވަރަށް ގިނަ މީހުން ފެރީ ޓާމިނަލް ކައިރިއަށް އެއްވެފައިވާ ކަމަށް. ފުލުހުން ވެސް ހަރަކާތްރެރިވާން ފަށައިފި.

14:17 އެއް ފެރީ ހުޅުމާލެއިން ފުރަން ހުރަސްއަޅައިފި.

14:08 އަންނަ އޮކްޓޯބަރު މަހުގެ 30 އިން ފެށިގެން އެ ހުޅުމާލެ އާއި ވިލިމާލެ ފެރީ ޓިކެޓުގެ އަގު ބޮޑުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ )އެމްޓީސީސީ( އިން ނިންމާފައިވާތީ އެކަމާ ދެކޮޅަށް މުޒާހަރާކުރަމުން އެބަދެ އެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިއަށް އެއްވެ އަޑުގަދަކުރަމުންދާ ކަމަށް އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނޭ.