18 Oct 2018, 22:32
ސިނަމާލެ ބްރިޖުމަތީގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވީ ބްރިޖުމަތިން އޯވާ ޓޭކު ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ 8:30 ހާއިރުއެވެ.
އެކްސިޑެންޓުގައި އަނިޔާވީ ދެ ފިރިހެނުންނަށާއި އަންހެނަކަށެވެ އެއީ 27 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 25 އަހަރުގެ އަންހެނަކަށެވެ.
އެ ތިންމީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އާޝިޔާ ވިދާޅުވިއެވެ.
މި އެކްސިޑެންޓަ ގުޅޭގޮތުން ފުލުހުން ބުނީ ލިންކު ރޯޑުގައި ހަތަރު ލޭން ހިމެނޭ ހިސާބުން މިރޭ 8:30 ހާއިރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެކްސިޑެންޓް ހިނގީ ސައިކަލެއް އޯވާ ޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާ އެއް ނުވާކަމަށް ފުލުހުން ބުންޏެވެ.
މިރޭ އިރާކޮޅު ބްރިޖު ހައިވޭ އިން ދަތުރުކުރި ބަހެއް އޯވާ ޓޭކު ކުރަން އުޅުމުގެ ތެރޭގައި ސައިކަލެއް ވަނީ ބަހުގައި ޖެހިފައެވެ. އެކްސިޑެންޓު ހިނގި ވަގުތު ބަހުގައި އިން މީހަކު ބުނީ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ އަށް ކޮންމެވެސް ވަރަކަށް އަނިޔާ ވީކަމަށެވެ.
"އެކްސިޑެންޓުވީ ހުޅުމާލެއަށް އައިތަނުން. އެކްސިޑެންޓު ވުމުން ބަހުގައި ތިބި މީހުން ބަހުން ބަލައިގެން ޓްރެފިކް ފުލުހުން ވަނީ އެންމެން ޓާމިނަލަށް ގެންގޮސްފައި،" އޭނާ ބުންޏެވެ.