18 Oct 2018, 22:13
އެއްވެސް އަސްލެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތައް އިދިކޮޅުން ދައްކަމުން ދާ ކަމަށާއި ރައީސް ޔާމީން ރާއްޖެއިން ފުރުން ހިފަހައްޓާފައިވަނީ ފުލުހުން ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކައަށް ފުލުހުން ޖަވާބުދޭން ޖެހޭނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އިން ކޮންމެ ރެއަކު ކުރިއަށްގެންދާ "އޮޅުވާލި ވޯޓު" އެއްވުމުގައި ވާހަކަދައްކަވަމުން އަދުރޭ މިރޭ ވިދާޅުވީ ރައީސް ޔާމީން ޔާމީން ރާއްޖެއިންފުރިޔަނުދީ ހިފަހައްޓާފައި އެހުންނެވީ އިދިކޮޅު ފަރާތްތަކުން ފުލުހުން މެދުވެރިކޮށް ކަމަށް ބުނެ ވާހަކަ ދައްކަމުންދާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި މިފަދަ ވާހަކަތަކަށް އެ މުވައްސަސާތަކުން ޖެހޭނެ ޖަވާބުދާރީ ވާން،"
އަދުރޭ ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމަކަށް ރައީސް ޔާމީނަށް އެތެރެ ނުވެވޭނެކަމަށް ބުނެވެސް ވާހަކަ ދެކެވެމުންދާ ކަމަށެވެ. މި ވާހަކަތައް ދައްކާ މީހުންނަކީ ދުވަހަކުވެސް ތެދު ހަދާ ބައެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ފިއްލަވަން ނޫޅޭކަމަށް އަދުރޭ މިރޭވެސް ވިދާޅުވިއެވެ. ރައީސް ފިއްލަވަން އުޅޭކަމަށް ބުނެ އެންމެ ބޮޑަށް ވާހަކަ ދެކެވުނީ ރޭގައި ކަމަށާއި ނަމަވެސް ބޭރުގައި ހުންނެވި އަނބިކަނބަލުން މިއަދު ރާއްޖެ ގެންނެވުމުންވެސް ދޭހަވަނީ ރައީސް ފިއްލަވަން ނޫޅޭ ކަންކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ހުންނެވީ ސާބިތުކަމާއެކު ކަމަށާއި ރައީސް ޔާމީން އަކީ ހިތްވަރުގަދަ ލީޑަރެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.