ރާއްޖޭގައި އަނެއްކާވެސް ބައެއް ފަރާތްތަކުން އަންހެންކުދިން ހިތާނުކުރަން ފަށައިފިކަމުގެ މައުލޫމާތު ނުރަސްމީ ސިފައެއްގައި ލިބިފައިވާތީ އެކަން ހުއްޓުވުމަށްޓަކައި ވީހާވެސް އަވަހަކަށް ފިޔަވަޅު އަޅުމަށް ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ސަރުކާރުގައި އެދިވަޑައިގެންފި އެވެ.

މިދިޔަ ބުދަ ދުވަހު މިނިސްޓަރު އޮފް ހެލްތް އެންޑް ފެމެލީ ޑރ. އައިމިނަތު ޖަމީލަށް ފޮނުއްވި ސިޓީއެއްގައި އަނީސާ ވަނީ، ބައެއް ފަރާތްތަކުން އަންހެން ކުދިން ހިތާނު ކުރާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

~
އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ "ހޯޕް ފޯ ވިމެން" ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަނީސާ އެ ސިޓީގައި ވިދާޅުވެފައި ވަނީ، އަންހެންކުދިން ޚިތާނުކުރުމުގެ ސަބަބުން އެކުދިންގެ ސިއްހަތަށާއި ބައެއް ފަހަރަށް ފުރާނައަށް ވެސް ނުރައްކާވާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި އދ.ގެ ކަމާބެހޭ ޖަމާއަތްތަކުން ކުރަމުން ގެންދިޔަ ގިނަގުނަ މަސައްކަތުން ބައެއް ޓްރައިބަލް މުޖްތަމައުތައް ފިޔަވައި އަންހެންކުދިން ހިތާނުކުރުމުގެ ނުރައްކަލުން ގައުމުތައް ސަލާމަތްކުރެވިފައިވާ ކަމަށެވެ. އެގޮތުން 1970ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައިވެސް އަންހެންކުދިން ޚިތާނުކުރުމުގެ އާދަކާދަވަނީ ހުއްޓުވާލެވިފައި ކަމަށް ވެސް އަނީސާ ވިދާޅުވެފައިވެ އެވެ.

އެހެންނަމަވެސް، ރާއްޖޭގައި އަނެއްކާވެސް ބައެއް ފަރާތްތަކުން އަންހެންކުދިން ޚިތާނުކުރަން ފަށައިފިކަމުގެ މައުލޫމާތު ނުރަސްމީ ސިފައެއްގައި އެޖަމްއިއްޔާއަށް ލިބިފައިވާ ކަމަށް ވެސް އަނީސާ ވިދާޅުވެފައިވެ އެވެ.

"އަދި މިކަންކުރަނީ ދީނީގޮތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދީނީ ފަތުވާ ލިބެމުންދާތީކަމަށް މައުލޫމާތު ލިބިފައިވަނިކޮށް، 18 ސެޕްޓެމްބަރ 2011 ދުވަހުގެ ރޭ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ރާއްޖެ ރޭޑިޔޯއިން ވަގުތުން ދުރަށްފޮނުވި ދީނީ މައުލޫމާތު ފެތުރުމުގެ ޕްރޮގްރާމެއްގައި، އަންހެންކުދިން ޚިތާނުކުރުމަކީ ދީނީގޮތުން ހެޔޮގޮތް ކަމުގައި ވިދާޅުވެ، އެކަން ކުރުމަށް ހިތްވަރު ލިބޭގޮތަށް ދީނީ އިލްމުވެރިޔަކު ވާހަކަ ދައްކަވާފައިވާތީ، އެކަން މިވަނީ ކަށަވަރު ކުރެވިފަ އެވެ،" ކުރީގެ ޖެންޑާ މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އަދި އެ ދީނީ ޕްރޮގްރާމް ބްރޯޑްކާސްޓްކުރީ ދައުލަތުގެ މީޑިޔާ ކުންފުނީގެ ރޭޑިޔޯ ޗެނަލަކުން ކަމަށްވާތީ، އަންހެކުދިން ޚިތާނުކުރުމަކީ "ސަރުކާރުން ތަރުޙީބު ދެއްވާ ކަމެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނާނެ" ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް އަނީސާ ވިދާޅުވެފައިވެ އެވެ.

އެހެންކަމުން އަންހެންކުދިން ޚިތާނުކުރުމާ ގުޅިގެން، ސިއްހަތަށާއި ދިރިއުޅުމަށް ކުރިމަތިވެދާނެ ނުރައްކާތެރި ކަމުންނާއި އެމީހުންގެ އާއިލާތަކުން ތަޙައްމަލު ކުރަންޖެހޭނެ ހިތްދަތިކަމުން ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި އެކަންތައް އޮތްގޮތެއް ވަރަށް އަވަހަށް ބައްލަވައި، އެކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅުއްވަންޖެހިިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ވަކިން ހާއްސަކޮށް އެކަން ކުރުމަށް ފަތުވާދޭ ފަރާތްތަކަށް، އެކަމުގައިހުރި ނުރައްކާތެރިކަން އަންގައިދީ، އެ މައުލޫމާތު ފެތުރުމުގެ ކަންތައް ވަގުތުން ހުއްޓުވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ،" އަނީސާ ވިދާޅުވެފައިވެ އެވެ.

"ސަން"އާ ވާހަކަދައްކަވަމުން އަނީސާ ރޭ ވިދާޅުވީ، އަންހެން ކުދިން ހިތާނު ކުރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައީ ވަކި ބަޔަކު ބަދުނާމް ކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ.

"އަޅުގަނޑުމެން ފޮނުވި ސިޓީގައި ވެސް ނޯންނާނެ ވަކި މިވެނި އިލްމްވެރިޔެކެވޭ އެ ވާހަކަ ދެއްކެވީ. އަޅުގަނޑުމެން މިއުޅެނީ ވަކި ބަޔަކު ބަދުނާމް ކުރާކަށެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ މުޖުތަމައު މިކަހަލަ ނުރައްކާތަކުން ސަލާމަތް ކުރަން،" އަނީސާ ވިދާޅުވި އެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ވެކްސިން ނުދިނުމާއި، އަންހެންކުދިން ސްކޫލަށް ނުފޮނުވުމާއި، އަންހެންކުދިން ޚިތާނުކުރުންފަދަ އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށް ކުރާފަދަ ކަންކަމުން ގައުމު ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި މަދަނީ ޖަމްއިއްޔާތަކުގެ ހިއްސާ އެކަމުގައި އޮންނަންވާނެ ކަމެއް ކަމަށް ވެސް އަނީސާ ވިދާޅުވި އެވެ. ނަމަވެސް، އެކަންކަމުގެ ފުރިހަމަ މަސްއޫލިއްޔަތާއި ޒިންމާ ނަގައި، އިސްކޮށް އުޅެން ޖެހޭނީ ސަރުކާރުން ކަމަށް ވެސް އަނީސާ ވިދާޅުވި އެވެ.