18 Oct 2018, 18:08
ރާއްޖޭގެ މުސްކުޅިވަމުންދާ އާބާދީއަށް ރަނގަޅު ޕޮލިސީތައް އެކުލަވާލުމުގައި ގޮންޖެހުން އެބަހުރި ކަމަށް ޔޫއެންއެފްޕީއޭއިން ބުނެފިއެވެ.
ޔޫއެންއެފްޕީއޭއިން ރާއްޖެއާ ބެހޭ ގޮތުން މިއަދު ނެރުނު ބަޔާނުގައި ބުނީ މީގެ ކުރިން 90 އަހަރުތަކުގައި އާންމުކޮށް ދެމަފިރިއަކު ހަ ކުދިން ހޯދި ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށެވެ. އަދި މިހާރު އާންމު ކޮށް ހޯދަނީ 3 ކުދިން ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.
"ރާއްޖޭގެ އާބާދީގައި ބޮޑުު ބައެއް ހިމެެނެނީ 15- 64 އަހަރާ ދެމެދު. ބަލަންޖެހޭ މުސްކުޅިންގެ އަދަދު ކުރިއަށް އޮތް އަހަރުތަކުގައި އިތުރުވާނެ. އެހެން ކަމުން އެ މުސްކުޅި އާބާދީއަށް އަމާޒުކޮށް އިޖުތިމާއީ ގޮތުން އަދި އިގްތިސާދީ ގޮތުން އެކުލަވާލަން ޖެހޭ ޕޮލިސީތަކުގައި ގޮންޖެހުން އެބަހުރި،" ޔޫއެންއެޕްފީއޭގެ ބަޔާނުގައި ވެއެވެ.
ޔޫއެންއެފްޕީއޭއިން ބުނީ ދަރިން ހޯދުމުގައި ފުރިހަމަ އިހްތިޔާރުދިނުމުގެ ގޮތުން ހުރިހާ ރައްޔިތުންނަށްވެސް ދަރިމައިވުމުގެ ފުރިހަމަ ސިއްހީ ނިޒާމެއް ގާއިމްކޮށް، ދޭތެރެދުރުކުރާ ނިޒާމާއި އަދި ރަނގަޅު ތައުލީމެއް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
ރާއްޖޭގެ އާބާދީ 2014 އިން ފެށިގެން 2054 އާ ހަމައަށް އޮންނާނެ ގޮތުގެ ރިޕޯޓްއާ ހަވާލާދީ ޔޫއެންއެފްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގައި މަަސައްކަތްކުރާ އުމުރުގެ މީހުން އިތުރުވުމުން އިގްތިސާދީ ގޮތުން ފުއްދުންތެރި ބަޔަކަށް ވުމަށް، އެއުމުރުފުރާގެ މީހުން އެކި މަސައްކަތްތައް ކުރަން ދަސްކޮށް އަދި ރަނގަޅު ސިއްހަތެއްގައި ތިބި ބަޔަކަށް ވާން ޖެހޭ ކަމަށެވެ.