މުލިއާގެ ކައިރީ ޕާކުކޮށްފައި އޮތް ޕިކަޕެއްގައި އައިއައިޑީއެއް ބޭއްވި މައްސަލާގައި 17 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ހަތަރު މީހުންގެ ތެރެއިން މުހައްމަދު އިބްރާހިމް އުބައިދުގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ބޮންގޮއްވާލި މައްސަލާގައި އުބައިދާ އެކު ހަތަރު މީހުން ހައްޔަރު ކުރީ 2015 ނޮވެމްބަރު މަހު އެވެ. އެމައްސަލާގައި ޖަލަށް ލާން ކުރި ހުކުމް ހަތަރު މީހުން ވެސް ވަކި ވަކިން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އުބައިދުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ނިންމައި މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މުލިއާގެ ކައިރީގައި ބޮން ބޭއްވި މައްސަލަ އުބައިދުގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އުބައިދުގެ މައްޗަށް އެ މައްސަލަ ސާޞިތު ވާ ވަރަށް ހެކި ނެތް ކަމަށް ހައިކޯޓު ހުކުމުގައި ބުނެފައިވެ އެވެ. އެގޮތުން އުބައިދުގެ މައްޗަށް ކުށް ސާބިތު ކުރަން ހުށަހެޅި ހެކިތަކުގެ ތެރޭގައި އުބައިދު އެ ކުށް ކުރަން އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ހައިކޯޓު ޝަރީއަތުގެ މަޖިލީހުގެ ދައުލަތުން ވެސް އެއްބަސްވެފައިވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

"ހަމައެކަނި ހުރީ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުން ތަހުގީގުގައި ބުނާ ބުނުން ކަމާއި އަދި އެއާ ގުޅުވާލެވޭ ގޮތަށް ހުރި ގަރީނާތަކުން ވެސް މުހައްމަދު އުބައިދު އިބްރާހިމް އެ ކުށް ކުރުމުގައި ބައިވެރިވެފައިވާކަން އެނގެން ނެތްކަމަށް ދައުލަތުގެ ފަރާތުން ދިވެހި ރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވޭ." ހުކުމުގައި ބުނެފައިވެ އެވެ.

އެއް ޖަރީމާއަކާ ގުޅިގެން ތުހުމަތު ކުރެވިފައިވާ މުއްތަހަމުންގެ ތެރެއިން އެއް މުއްތަހަމަކު އަނެއް މުއްތަހަމަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދިނުން ފަދަ ހާލަތްތަކަކީ ހެކިވެރިޔާގެ މައްޗަށް ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުން މަނާވެގެންވާ ހާލަތަކެއް ކަމަށް ސުޕްރީމް ކޯޓުގެ ގަޒީއާއަކާ ހަވާލާދީ ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި އުބައިދުއާ ދެކޮޅަށް މައްސަލާގައި ތުހުމަތު ކުރެއްވުނު މުއްތަހަމެއްގެ ހެކިބަސް ނޫން އެހެން ހެއްކެއް ލިބިފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އަދި މައްސަލާގައި ހެކިބަސްދިން ފުލުހުންގެ ފަރާތުން ހެކިބަސް ދެމުން އުބައިދު ދިރިއުޅޭ ގެއިން އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށާއި އަދި މައްސަލައާ ގުޅިގެން ލިފްޓް ކުރެވުނު ޑީއެންއޭ އެއްވެސް ޕްރޮފައިލަކާ އުބައިދާ ގުޅުމެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެއިތުން އެ ހާދިސާ ހިނގި އެ ސަރަހައްދުން ނަގާފައިވާ އެއްވެސް ސިސީޓީވީ ފުޓޭޖަކުން ވެސް އުބައިދު ފެނިފައި ނުވާ ކަމަށް ދައުލަތާ ހަވާލީ ހުކުމުގައި ވަނީ ބުނެފަ އެވެ.

މީހެއްގެ މައްޗަށް ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ ގަރީނާތަކުގައި ބަލަންވާނީ އެކުށުގެ އަމަލުގައި އެމީހަކު ސީދާ ބައިވެރިވުމެއް ވާހަކަމަށް ބާރުލިބޭ ގަރީނާތަކަކަށް ވާންޖެހޭ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އަދި އެމައްސަލާގައި މުހައްމަދު އުބައިދު ޓެރަރިޒަމްގެ އަމަލެއް ހިންގިކަން ދައުލަތަށް ސާބިތުކޮށްދެއްވިފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އުބައިދުގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށްފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މައްސަލަ ބެއްލެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އެވެ.