ރޯމް ސްޓެޓިއުޓް އޮފް ދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު )އައިސީސީ(ގައި ރާއްޖެ އިން އިއްޔެ ބައިވެރިވެއްޖެ އެވެ.

ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދ. ގެ 66 ވަނަ ބައްދަލުވުމުގެ ތެރޭގައި އައިސީސީގެ މެމްބަރަކަށް ވުމުގެ މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަހްމަދު ނަސީމެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެ އައިސީސީގައި ބައިވެރިވެފައިވަނީ ދުނިޔޭގެ 118 ވަނަ، އަދި އޭޝިޔާ ޕެސިފިކްގެ 17 ވަނަ ވަނަ ގައުމުގެ ގޮތުގައި ކަމަށެވެ. ރާއްޖެ އައިސީސީގައި ބައިވެރިވުން ތަންފީޒްކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ބައިނަލް އަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ޕާލިއަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން )ޕީޖީއޭ( އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، އައިސީސީގައި ރާއްޖޭގައި ބައިވެރިކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށްފަ އެވެ.

އެ ބަޔާނުގައި ޕީޖީއޭގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި މަހްލޫފް ވިދާޅުވެފައިވަނީ، އައިސީސީގައި ބައިވެރިވުމަށް އިތުރަށް މަސައްކަތް ކުރައްވަން ނިންމެވީ މިއަހަރުގެ މާޗު މަހު ކުއާލާ ލަމްޕޫރުގައި އޮތް ޕީޖީއޭ އޭޝިޔާ ޕެސިފިކް ކޮންސަލްޓޭޝަން ބައްދަލުވުމަށްފަހު ކަމަށެވެ. އެގޮތުން އެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގައި ތާށިވެފައި އޮތް އައިސީސީގެ މުއާހަދާގައި ސޮއިކުރުމުގެ މައްސަލާގައި މެމްބަރުންނާ ވާހަކަދައްކަވައި، އެކަން އެގޮތަށް ފާސްކުރީ އޭޕްރިލް 28 ވަނަ ދުވަހު ކަމަށް މަހްލޫފް ވިދާޅުވެފައިވެ އެވެ.

މެންބަރު ގައުމުތަކުން ހުށަހަޅާ ލާއިންސާނީ އަމަލުތަކާއި ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލައިގަނެ ޝަރީއަތް ހިންގާ އައިސީސީގައި ބައިވެރިވުމަށް މަޖިލީހުން ފާސްކުރީ ޖޫން 14 ގަ އެވެ. ޖަލްސާގައި ތިއްބެވި 68 މެމްބަރުންގެ ތެރެއިން 61 މެމްބަރަކު ފާސްކުރަން ވޯޓު ދެއްވި އެވެ.

އައިސީސީގައި ބައިވެރިވުމުގެ މައްސަލަ ސަރުކާރުން މަޖިލީހަށް ހުށަހެޅީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ފަހު އެވެ.