ސިޔާސީ ހިޔާލު ތަފާތުވުންތައް ވާހަކަ ދައްކައިގެން ހައްލުކޮށް، ކޯލިޝަން ދެމެހެއްޓޭނެ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މިހާތަނަށް ރާއްޖޭގައި ކޯލިޝަނަކުން ވެރިކަމަށް އައި ނަމަވެސް ދައުރު ނިމޭއިރު ކޯލިޝަން އޮންނަނީ ރޫޅިފައެވެ. ސިޔާސީ ހިޔާލުތަފާތުވުންތައް ހައްލުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓޭނެތޯ "ސަން"އިން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ "އެއީ ޝައްކެއް އޮތް ކަމެއް ނޫން" ކަމަށެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުގެ މުޅި ހަޔާތް ހޭދަކުރެވިގެން ދިޔައީ ސިޔާސީ ހިޔާލުތަފާތުންތަކުގެ ތެރޭން ހައްލު ހޯދައިގެން ކަމަށާއި އެހެންވީމަ އެއީ އެމަނިކުފާނަށް ދަތި ކަމަކަށް ނުވާނެ ކަމަށެވެ.

"ހިޔާލުތަފާތުވުން ހުންނާނެކަން އެނގޭ. އަދި އެކަން އަޅުގަނޑުމެން ގަބޫލުކޮށްގެން މިތިބީ. ސިޔާސީ ހިޔާލުތަފާތުވުން ހުއްޓަސް އަޅުގަނޑުގެ ނަފްސަށް ހަމަ 100 ޕަސެންޓް ޔަގީންކަން އެބައޮތް ސިޔާސީ ހިޔާލު ތަފާތުވުން ހައްލު ކުރެވޭނެ ކަމުގެ،" އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ހަތަރު ފިކުރު ގުޅިގެން ކުރި މަސައްކަތްތަކުގެ ތެރޭގައި ހައްލުނުކުރެވޭވަރުގެ ކަމެއް ދިމާވެފައި ނެތް ކަމަށް އިބޫ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލުތަކުގެ އިންތިހާބުގައިވެސް ވާދަކުރާނީ ކޯލިޝަން އެއްކޮށް ކަމަށާއި އެއީ ކޯލިޝަން އެކުލަވާލީ އެއްބަސްވުމުގައި އޮންނަ ގޮތް ކަމަށް އިބޫ ވިދާޅުވިއެވެ.

ކޯލިޝަނަކާއެކު ވެރިކަމަށް އައިސްފައި މިވަނީ ހީލިންގް ޕްރޮސެސްއެއްކަން ރައްޔިތުންނަށް އެނގެން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖެ މި ވެތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، 10 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި މިއޮތީ ވަރަށް ބޮޑަށް ޕޮލަރައިޒްވެފައި. ހިޔާލު ތަފާތުވެ، ކޮންމެ ދުވަހަކު ހޭލާއިރު ބޮޑު ކަންތައްގަނޑެއް ސިކުނޑީގައި މިއޮންނަނީ،" އިބޫ ވިދާޅުވި އެވެ.

ވޭތުވެ ދުވަސްތަކުގެ ތެރޭގައި ކަންކަން ވެގެން ދިޔައީ އެންމެ އާދައިގެ ރައްޔިތުމީހާވެސް ކަންބޮޑުވާ ދަރަޖައަށް ކަމަށް އިބޫ ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ކޯލިޝަން ސަރުކާރުން ފަށާ މަސައްކަތަކީ ހަމަޖެހިލައިގެން ރައްޔިތުންނަށް އުޅެވޭނެ ވަގުތުކޮޅެއް ހޯދައިދޭން ކުރާ މަސައްކަތް ކަމަށް ވިދާޅުވިއެވެ.