23 Sep 2011, 11:05
ކުރިން އިންޖީނުގެތައް ހިންގަމުން އައީ އެއްވެސް ރޭވުމެއް ނެތި، ކުންފުންޏެއްގެ އުސޫލަކުން ނޫން ކަމަށާއި އެ އިންޖީނުގެތައް ސަރުކާރުގެ ޔުޓިލިސީޓް ކުންފުނިތަކުން ހިންގާ ގޮތަށް ހަމަޖައްސައި، ފޯރުންތެރިންކަން ނެތް ފަރާތްތަކަށް ސަބްސިޑީ ދޫކުރަން ފެށުމުގެ ސަބަބުން ރަށްރަށުގައި މިހާރު ކަރަންޓްގެ ހިދްމަތް ލިބެމުން އަންނަނީ ކުރިއަށްވުރެ ފަސޭހަކޮށް އަދި ކުރިއަށްވުރެ އަގުހެޔޮކޮށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ދެއްވި 116 ވަނަ ރޭޑިއޯ ހިތާބުގައި ރާއްޖޭގެ ކަރަންޓުގެ ހިދުމަތްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މީގެ ކުރީ އަހަރުތަކަށް ބަލާއިރު އިންޖީނުގެތަކެއް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފެއްދިފައި ހުރި ނަމަވެސް އެތަންތަން ހިންގަމުން އައީ ދުރާލާ ވިސްނައި، ރޭވިފައި އޮތް ކުންފުންޏެއްގެ އުސޫލަކުން ނޫން ކަމަށެވެ. އަދި އޭގެ ސަބަބުން އިންޖީނުގެތައް ހުރީ ވަރަށް ބޮޑަށް "ހާލުގައި ޖެހިފައި" ކަމަށާއި ގިނަ އިންޖީނުގެތަކަށް ހަމަ އެހާރުން އެހާރަށް އާ އިންޖީނެއް ނުވަތަ އާ ނެޓްވޯކެއް ނުވަތަ އާ ޕެނަލް ސިސްޓަމެއް ނުގެނެވެނީ ނަމަ، މުޅި ރަށްތައް އޮތީ އަނދިރީގެ ތެރެއަށްދާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރަށް އެ ހަގީގަތް އެނގި އަދި ސަރުކާރަށް ފާހަގަވެފައި އޮތީ، އެކަން އެހެން އޮތުމުން ރަށްރަށުގެ ކަރަންޓް، އޭރުގައި ޔުނިޓަކަށް ހަތް ރުފިޔާ، އަށްރުފިޔާ ނުޖެހޭ އެއްވެސް ރަށެއް ނެތް ކަމަށާއި އަދި ބައެއްފަހަރަށް މަދްރަސާތަކަށް އިންޖީނުގެތަކުން ޔުނިޓެއް ވިއްކަމުން ދިޔައީ ވިހި ރުފިޔާހާ ބޮޑުކޮށް ކަމަށެވެ. އެހެންވީމާ، މަދްރަސާތަކުގެ މުޅި ބަޖެޓްހެންވެސް ހޭދަވަމުން ދިޔައީ ކަރަންޓް އިންޖީނުގެތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
"މި ދަރަނި ފޫބެއްދުމަށް ސްޓެލްކޯއަށް އެގޮތަށް ފައިސާ ދޫކުރަމުން ގެންދިޔުމުގެ ބަދަލުގައި ސަރުކާރުން ނިންމީ، ސްޓެލްކޯ ހިންގޭނެ އަގެއްގައި ސްޓެލްކޯ ކަރަންޓަށް ފީ ނަގަމުން ގެންދިޔުން. އަދި ކަރަންޓް ބިލް ބޮޑުވާ ފަރާތްތަކަށް، އާމްދަނީ މަދު ފަރާތްތަކަށް ސަރުކާރުން ސަބްސިޑީއެއް ދިނުން. އެގޮތުން މިހާރު މިދޭ ސަބްސިޑީ ދެވެމުން މިދަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ދަރަނި ފޫބެއްދުމަށް ކުރިން ސްޓެލްކޯއަށް ދޫކުރި ފައިސާ، ސީދާ ރައްޔިތު މީހާއަށް ދެވޭ ސަބްސިޑީ ނުވަތަ ހިލޭ އެހީގެ ގޮތުގައި ހަމަޖެއްސުމުން 2010 ވަނަ އަހަރު ސްޓެލްކޯއަށްވެސް ދަރަނި ފޫބެދި، ފައިދާވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ސްޓެލްކޯގެ އަގުތައް ލުއިކޮށްދިނުމުގެ ގޮތުން، 2010 ވަނަ އަހަރު 80 މިލިއަން ރުފިޔާ، އަދި 2011 ވަނަ އަހަރު 48 މިލިއަން ރުފިޔާއާ ގާތަށް، ފޯރުންތެރިކަން ކުޑަކަމުގެ ފޯމް ފުރާފައިވާ ރައްޔިތުންނަށް، ހިލޭ އެހީ ނުވަތަ ސަބްސިޑީގެ ގޮތުގައި ސަރުކާރުންވަނީ ދޫކޮށްފައި ކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިއަހަރުގެ ޖުލައިމަހާ ހަމައަށް ސަރުކާރުން މިވަނީ އެވްރެޖް ގޮތެއްގައި ކޮންމެ ކަރަންޓް މީޓަރަކަށް 440 ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ސަބްސިޑީ ދޫކުރެވިފައި. އެއީ، މަހެއްގެ މައްޗަށް ދޫކުރެވޭ މިންވަރު އަޅުގަނޑު މިދެންނެވީ. ޖުލައިމަހު ސަރުކާރުން ސްޓެލްކޯއަށް، ސްޓެލްކޯގެ ކަރަންޓް މީޓަރުތައް ހުރި ގޭގެއަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ މިވަނީ ސަބްސިޑީގެ ގޮތުގައި ދޫކުރެވިފައި. އެއީ، ކޮންމެ މީޓަރަކަށް 975 ރުފިޔާއާ ގާތްކުރާ އަދަދެއް،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ގެންދަނީ އެމަސައްކަތްތައް، މިއަދަށްވުރެ ރަނގަޅަށް، ބާރަށް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދަމުން ކަމަށާއި ސަރުކާރުން މިހާރު ހިންގަމުންގެންދާ އިންޖީނުގޭގެ އަދަދު، 118 އިންޖީނުގެއަށް އަރާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ސްޓެލްކޯއިން ކުރިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގި 28 އިންޖީނުގެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި، އަދި ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން މިކަމާ އެއްބަސްވާނެ. ރާއްޖޭގެ ރަށްރަށުގައި މިހާރު ކަރަންޓްގެ ޚިދްމަތް ލިބެމުން މިއަންނަނީ ކުރިއަށްވުރެ ފަސޭހަކޮށް އަދި ކުރިއަށްވުރެ އަގުހެޔޮކޮށް. އިރާދަކުރެއްވިއްޔާ، ޔޫޓިލިޓީ ކުންފުނިތަކުން ކަރަންޓްގެ ޚިދްމަތް ދެވޭ މިންވަރާއި އަދި ހިދުމަތާ ގުޅިގެން ކުރެވޭ ކަންކަންވެސް އެގެންދަނީ ދުވަހެއް ދުވަހަކަށް އިތުރުކުރަމުން،" ރައީސް ވިދާޅުވި އެވެ.