ޓްރާންސިޝަން ކޮމެޓީގެ އިސްވެރިން ކަމަށްވާ ޑރ. މުހައްމަދު މުސްތަފާ ލުތުފީ އަދި އިބްރާހިމް އިސްމާއިލް (އިބްރާ)، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ބައްދަލުކުރައްވައިފި އެވެ.

ޓްރާންސިޝަން ކޮމެޓީއަކީ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް އޮމާންކަމާ އެކީ ކުރިއަށް ގެންދިއުމުގެ ގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އުފައްދަވާފައިވާ ކޮމެޓީއެކެވެ.

އިސްލާމިކް ޔުނިވާސިޓީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތް، އެ ބައްދަލުވުމުގައި އެ ޔުނިވާސިޓީގެ ތަސައްވަރާއި ކިޔަވައިދެމުންގެންދާ ކޯސްތަކާއި އަދި ޕްރޮޖެކްޓްތަކުގެ އިތުުރުން އެ ޔުނިވާސިޓީއަށް ހާސިލްކުރެވިފައިވާ ކަންތައްތަކާ ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅައިދީފަ އެވެ.

ޓެރާންސިޝަން ކޮމެޓީގެ މެމްބަރު އިބްރާ، ޑރ. އިސްލާމިކް ޔުނިވާސިޓީގައި-- ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އޮމާންކޮށް ގެންދިއުމުގެ ގޮތުން ފުރިހަމަ އެއްބާރުލުން އެ ޓްރާންސިޝަން ކޮމެޓީއަށް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެ ބައްދަލުވުމުގައި ޝަހީމް ވަނީ އަރުވައިފަ އެވެ.

ނިމިގެންދިޔަ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓްއަކަށް ވެވަޑައިގެން ޑރ. ޝަހީމް ފުރަތަމަ ނިންމެވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުން އިސްތިއުފާ ދެއްވާށެވެ. ނަމަވެސް ރައީސް ޔާމީންގެ ލަފާފުޅުކަމަށް ބުނެ، ޝަހީމް ވަނީ އެ މަގަމާމުގައި ދެމިހުންނަވައިފަ އެވެ.