23 Sep 2011, 10:30
ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިއަކު ގެންގުޅެ ބޮޑުކުރަނީ ވަރަށް ލޯބިންނެވެ. އެއިން ކުއްޖެއްގެ ގައިގައި މީހަކު ނުކިއްސަރު ގޮތަކަށް އިނގިލި ކުރި ޖައްސާލަންވެސް ނޭދެ އެވެ. ލިބުނު އެންމެ ރަނގަޅު ކައިއެއްޗެއް ކާންދީގެން، އަގުބޮޑު ރީތި ހެދުން ލައްވައިގެން ގެންގުޅެ ބޮޑުކުރަނީ އެކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭށެވެ. އެހެންނަމަވެސް އާޚިރުގައި ކަން ނިމެނީ ކިހިނެއްހެއްޔެވެ؟ ލޯބިން ބޮޑުކުރަމުން ގެންދިޔަ ދަރިފުޅު، ނޭނގި ހުއްޓާ ނުބައި ގޯޅިއެއް އަޅައި، މައިންބަފައިންގެ އަތް ނުފޯރާ ފަށަށް ދަތުރުކުރަނީ ކޮންމެވެސް ސަބަބަކާ ހުރެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި އިންސާނާގެ ހަޔާތުގައި އެންމެ ނުފޫޒުގަދަ އެއްބަޔަކީ ރައްޓެހިންނެވެ. އޭނާ ހަމަމަގުގައި ބެހެއްޓުމާއި ހަމަ މަގުން ކަސިޔާރު ކުރުމުގައި ރައްޓެހިންގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން ތިމާ ލޯބިން ގެންގުޅެ ބޮޑުކުރި ދަރިފުޅު، އެކުވެރިއަކު އިޚުތިޔާރު ކުރާއިރު، ވިސްނަންޖެހޭ ކަންކަން ކުރިއާލައި ބުނެދެވިފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚިޔާރުކުރެވޭ އެކުވެރިއެއްގެ ސަބަބުން، ތިމާގެ ދަރިފުޅު ކަށިކުނބުރި ޖަންގައްޔަކަށް ގެންގޮސް ވައްދަފާނެ އެވެ. މާމަލުގެ ބަގީޗާއަކަށް ވެސް ގެންގޮސްފާނެ އެވެ.
އަޅުގަނޑުމެންނަކީ އިސްލާމްދީނުގެ މަތިވެރި ނިޢުމަތުން ނިޢުމަތް ލިބިފައިވާ ބަޔެކެވެ. އެހެންކަމުން ކޮންމެ ދިވެހި ދަރިއަކުވެސް އެކުވެރިއަކު ޚިޔާރުކުރާއިރު، މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން އެބަޖެހެ އެވެ. ދީނަށް ލޯބިކުރާ، ދީނީ ކަންކަން ބާރާބަރަށް ފުރިހަމައަށް އަދާކުރާ ކުއްޖަކު، އެކުވެރިއެއްގެ ގޮތުގައި ހެދިއްޖެނަމަ، އޭނާ ދަތުރުކުރާނީ ރަނގަޅު މަގުންނެވެ. ވިޔާނުދާ ކަންކަމުގެ ތެރެއަށް ވަދެ މުންކަރާތްތަކަށް އަރައިގަތުމުގެ ފުރުޞަތު ހަނިވެގެން ދާނެ އެވެ. ދީނީ ކަންކަން ބަރާބަރަށް އަދާކުރުމުގެ ރޫޙު ހަށީގައި އަށަގަނެ، ކުރިމަގު ރަނގަޅު ގޮތުގައި ބައްޓަންވެގެން ދާނެ އެވެ. އެހެންކަމުން މިވާހަކަ ދަރިފުޅުގާތު ބުނާށެވެ.
މިއަދު މި މުޖުތަމަޢަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ބައްޔަކީ، ރީތި އަޚުލާގުން ހެދުން އަޅައިގެން ތިބި ދަރިން ގައުމުގައި މަދުވުމުގެ ސަބަބުން އަށަގެންފައިވާ ބަލިމަޑުކަމެވެ. އެހެންކަމުން އެކުވެރިއަކު ހޯދާއިރު، ރީތި އުޅުމެއް ހުންނަ ބައިވެރިއަކު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަހިވަކާ ޖެހި އަހިވައް ފާވާ އުޞޫލުން، އުޅުން ގޯސް މީހަކު އެކުވެރިއެއްގެ ގޮތުގައި ބަލައިގަނެވިއްޖެނަމަ، ތިމާގެ އުޅުން ވެސް ބައްޓަންވެގެން ދާނީ، ހަމަ އެ ދަށުދަރަޖައިގެ އުޞޫލަށެވެ. މަގުމަތީގައި ހޯބޯލަވަމުން ދުވާ، އެތައް ބަޔެއްގެ ނަފުރަތުގެ ތޫނުކަޅި އަމާޒުކުރެވެމުންދާ ކުއްޖަކަށް، ތިމާގެ ދަރިފުޅު ވެގެން ހިނގައިދާނެ އެވެ. އެހެންކަމުން ދަރިފުޅުގެ ސަމާލުކަމަށް މިކަން ގެންނާށެވެ.
ހީވާގި ކަމާއި މުރާލި ކަމަކީ ހަރުދަނާ، ބާއްޖަވެރި ދިރިއުޅުމަކަށް ވަރަށް މުހިންމު ކަމެކެވެ. ކަންނެތްކަމުގެ ތަންމަތީގައި އޮންނަން އާދަވެފައިވާ މީހެއްގެ ދިރިއުޅުން އޮންނާނީ ގިނަ ފަހަރަށް ބޮއްސުންލާފަ އެވެ. އެހެންކަމުން މި ނުރައްކާތެރި ސިފައިން ސަލާމަތްވެ ތިބުމަކީ، ކޮންމެ މީހެއްގެ މައްޗަށް ވެސް އޮތް ވާޖިބެކެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށެވެ. މި ސިފަ އަށަގެންނެވުމަށްޓަކައި މުރާލި، ހީވާގި ރައްޓެއްސަކު ހޯދުމަކީ މުހިންމު ކަމެކެވެ. އެކުވެރިޔާ ހީވާގި އުޅުމެއް އުޅޭނަމަ އެކުއްޖަކަށް ވެސް އެމަގު ޚިޔާރުކުރަން އޮންނާނީ މަޖުބޫރުވެފަ އެވެ. ކަންނެތްކަމުގެ ކަސްތޮޅުގައި ހައްޔަރުވެފައިވާ ކުއްޖެއް ނަމަވެސް، ދުވަސްކޮޅަކުން އެކަމުން މިންޖުވެ، ހީވާގިކަމުގެ ޖައްވަށް ނޭވާލާން ފަށާނެ އެވެ. އެހެންކަމުން ދަރިފުޅަށް މިވާހަކަ ކިޔަިއދޭށެވެ.
ރައްޓެއްސަކު ކަނޑައެޅުމުގައި އަމިއްލަ އެދުމަށް ވުރެ، އަނެކާގެ ކަންކަމަށް އިސްކަންދޭ ކުއްޖަކު އިޚުތިޔާރުކުރުމަކީ ވެސް މުހިންމުކަން ކުޑަކަމެއް ނޫނެވެ. ތިމާއަށް ހެޔޮއެދޭ، ރަނގަޅު ގޮތް ބުނެދީ، އެފަދަ ގޮތްގޮތް ހޯދައިދޭން މަސައްކަތްކުރާނީ މިފަދަ ރައްޓެއްސެކެވެ. މީގެ އިދިކޮޅު ސިފަ ހުރި ކުއްޖަކު އެކުވެރިއަކަށް ހެދިއްޖެނަމަ، އެ އެކުވެރިޔާގެ ކިބައިން ކިތަންމެ ވަރުގަދަ ބޮނޑިއެއްވެސް ލިބިދާނެ އެވެ. ސަބަބަކީ އޭނާ އަބަދުވެސް އިސްކަދޭނީ އޭނާގެ އަމިއްލަ މަސްލަޙަތަށެވެ. ކުރިއެރުމަށެވެ. ކޮންމެ ހާލަތެއްގައިވެސް މަސައްކަތް ކުރާނީ ތިމާގެ ބޮލުގައި އަތް އަޅާ އޮބާލާފައި ނަމަވެސް އޭނާގެ ދަތްދޮޅި އުފުލައިލެވޭތޯ އެވެ. ނަތީޖާއަކަށްވާނީ ތިމާގެ ކުރިމަގު ބަނަވެ އަނދިރިވުމެވެ. މިކަން ދަރިފުޅަށް ވިސްނައިދޭށެވެ.
ކަންކަމާމެދު ދުރަށް ވިސްނާ ގޮތް ކަނޑައެޅުމަކީ ގިނަމީހުންނަށް ފަސޭހަކަމަކަށް ނުވެ އެވެ. ކުރަން އުޅޭ ކަންކަން ގިނަ ފަހަރަށް ބޮއްސުންލައިގެން ދަނީ މިހެންވާތީ އެވެ. ދުރުވިސްނޭ އެކުވެރިއަކު ހޯދިއްޖެނަމަ، ތިމާގެ ދިރިއުޅުމަށްޓަކައި އެ ހޯދުނީ އަގުބޮޑު ޖަވާހިރަކަށް ވުރެވެސް އަގުހުރި ރައުސުލްމާލެކެވެ. ދިރިއުޅުމުގެ ބުރަ ހަނގުރާމައަށް ތިމާ ނިކުމެ އުޅޭއިރު، އަމިއްލައަށް ގޮތް ނިންމަން ދަތި އެތައް ދަނޑިވަޅުތަކެއް ކުރިމަތިވާނެ އެވެ. އެހެންކަމުން ތިމާއަށް ހެޔޮއެދޭ، ދުރުވިސްނޭ ކުއްޖަކަށް ރައްޓެހިންގެ ލިސްޓުން ޖާގަ ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މި ފިކުރަށް ދަރިފުޅުގެ ސިކުނޑިން ޖާގަ ހޯދައިދޭށެވެ.
އަދުގެ މުޖުތަމަޢު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ހަލާކުވަމުން މިދަނީ ވަގުތު އޮއްވާ މިފަދަ ކަންކަމަށް ދަރިން ސަމާލު ނުކުރެވޭތީ އެވެ. މިކަމާމެދު މައިންބަފައިންނާއި ބެލެނިވެރިން ފުންކޮށް ވިސްނަން އެބަޖެހެ އެވެ. ދަރިފުޅު އިޚުތިޔާރުކުރާ އެކުވެރިއަކީ ހެޔޮލަފާ، ދީންވެރި، ކުއްޖެއްތޯ ބަލާށެވެ. ރަނގަޅު މަގު ދައްކާ، ހެޔޮނުބައި ބުނެދޭނެ އެކުވެރިއެއްތޯ ބަލާށެވެ. ހީވާގި ކެރޭ، ވިސްނުން ތޫނު ބައިވެރިއެއްތޯވެސް ބަލާށެވެ. އުޅުން ގޯސް ރަޙުމަތްތެރިއަކު ހޮވައިފިނަމަ ވީ އެންމެ އަވަހަކަށް އެކަމުން ދަރިފުޅު މިންޖުކުރުމަށް ކަމަރު ބަންނާށެވެ. ކޮންމެވެސް ވަރެއްގެ "ހަނގުރާމައެއް" ކުރަން ޖެހިދާނެ އެވެ. އެހެންނަމަވެސް އެކަމަށް ފަސްނުޖެހޭށެވެ.