ވަން ޕްލަސްއިން ވަނީ ވަން ޕްލަސް 5 އާއެކު ޓްރެވެލް ބެކްޕެކެއް ނެރެފައެވެ. މި ބެކްޕެކަށް ބޮޑު ތަރުހީބެއް ލިބުނުއިރު އެކުންފުނިން ވަނީ އަލަށް ނެރެން ނިންމާފައިވާ ވަންޕްލަސް 6ޓީ އާއެކު އާ ބެކްޕެކެއް ނެރެން ނިންމައިފައެވެ.

މިއީ ސްޓައިލިޝް، ފަސޭހަ ބެކްޕެކެއް ކަމަށް ރިވިއުތައް ބުނެއެވެ. މި ބެކްޕެކަށް ދީފައިވާ ނަމަކީ އެކްސްޕްލޯރާއެވެ.

ކަޅު ކުލައާއި ފެހި އަދި އަޅި ކުލައިން މި ދަބަސް ލިބޭނެއެވެ. ދަބަސް ބާޒާރަށް ނެރޭނީ ވަން ޕްލަސް 6ޓީ އާއެކުއެވެ. މިއީ ވޯޓާ ރެސިސްޓެންޓް ދަބަހެއްކަމަށް ވެއެވެ.

ވަން ޕްލަސް ޓީ ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ވަންޕްލަސް 6ޓީ އެންމެ ހާއްސަވާނެ ކަމަކީ އޭގެ ފިންގާ ޕްރިންޓް ސްކޭނަރު ސްކްރީން ތެރޭގައި ހިމަނާފައިވުމެވެ. މީގެ އިތުރުން މި ފޯނަކީ ހެޑްފޯނަށް ޙާއްސަ ޖެކެއް ނުހިމަނާ ވަން ޕްލަސް އިން ނެރޭ ފުރަތަމަ ފޯނެވެ. ފޯނުގެ ޑިސްޕްލޭ ނޮޗްވެސް ވަންޕްލަސްއަށް ވުރެ 6ޓީގައި ކުޑަވާނެއެވެ.

މި ފޯނުގެ ސްޕެސިފިކޭޝަންސް އާ ގުޅޭ އިތުރު މާބޮޑު ތަފްސީލެއް އަދި އާންމުވެފައެއް ނުވެއެވެ. ނަމަވެސް ވަންޕްލަސް6ޓީ އަކީ ވަންޕްލަސް6 އަށް ވުރެ އަގުބޮޑުވާނެ ފޯނެއް ކަމަށްވެއެވެ.