17 Oct 2018, 22:38
ދ. އަތޮޅު ރިނބުދޫ ކައިރީގައި އަލަށް ހަދަމުންދާ 'މާގާ' ރިސޯޓްގެ ބަދިގޭގައި ގޭސް ލީކްވެ ހިނގި ހާދިސާއެއްގައި އަށް މީހަކު ފިހެއްޖެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 17:20 ގައި ކަމަށާއި އަނިޔާވި އަށް މީހުން ފ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އިތުރު ފަރުވާއަށް އެ އަށް މީހުން ރިސޯޓުގެ ފަރާތުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ދ. އަތޮޅުގައި ހަދަމުންދާ 'މާގާ' ރިސޯޓްގައި މިއަދު ގޭސް ލީކްވެ ހިނގި ހާދިސާގައި ބަދިގެއަށް ލިބިފައިވާ ގެއްލުން ތައް --- ފޮޓޯ: އެމްއެންޑީއެފް
ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއެސް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.
އަނިޔާވި އަށް މީހުންނަނީ އެ ރިސޯޓްގެ އިންސްޕެކްޝަނަށް ގޮސް އުޅުނު އަށް މީހުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ ގޮތުން ބިދޭސީ އަށް މީހުނަށް އަނިޔާވެފައިވަނީ ރިސޯޓްގެ މުވައްޒަފުނުން ހާއްސަކޮށްގެން ހަދާފައިވާ ބަދިގޭގައި ހުރި ކުކަރަކަށް ކަރަންޓް ދިނުމާއި އެކު އެތަނަށް ލީކްވެފައި ހުރި ގޭހުގެ ސަބަބުން ހުޅުހިފައިގެން ގޮސް ކަމަށެވެ.
އެ ހާދިސާގައި ވަނީ ބަދިގޭގެ ދޮރު ތަކުގައި ހުރި ބިއްލޫރިތައް ތަޅައިގެން ގޮސްފަ އެވެ. ނަމަވެސް ބަދިގޭގައި އަލިފާން ރޯވެފައި ނުވާކަމަށް އާޒިމް ވިދާޅުވި އެވެ.