އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފްގެ އަބުރަށް ހުތުރުވާ ފަދަ ކޮންޓެންޓެއް ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރި މައްސަލާގައި ޖަވާބުދާރީ ވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި، ޗެނަލް 13 އަށް އަންގާފައިވަނީ އެ ޗެނަލާ ދެކޮޅަށް ހުށަހަޅާފައިވާ ހަތް މައްސަލައަކާ ގުޅިގެން ޖަވާބުދާރީ ވުމަށެވެ. އޭގެ ތެރެއިން ހަ މައްސަލަ އަކީ އީސީގެ ރައީސް ޝަރީފްގެ އަބުރަށް ހުތުރުވާ ފަދަ ކޮންޓެންޓެއް ފުނުވާފައިވާތީ ހުށަހަޅާފައިވާ މައްސަލަ ތަކެކެވެ. އަދި އަނެއް މައްސަލައަކީ އީސީގެ މެންބަރުންގެ އަގު ވެއްޓޭ ގޮތަށް ހަގީގާތާއި ހިލާފް ވާހަކަތައް ބްރޯޑްކާސްޓް ކޮށްފައިވާތީ ހުށަހަޅާފައިވާ މައްސަލަ އެކެވެ.

އީސީގެ ފަސް މެމްބަރުން ފިއްލަވައިގެން އުޅުއްވާ ބޭފުޅުންތަކެއް ކަމަށް ދޭހަވާ ގޮތަށް، އެ ބޭފުޅުންގެ ފޮޓޯތައް، ޗެނަލް 13 އިން ދައްކަމުން ދާތީ އެ ސްޓޭޝަނަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެ ކޮމިޝަނުން ބްރޯޑްކާސްޓިން ކޮމިޝަނަށް މީގެ ކުރިން ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ ބޮޑެތި ތުހުމަތުކައެއް ޕީޕީއެމް އިން ދަނީ އީސީގެ މައްޗައް ކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން އެ ޕާޓީގެ ބައެއް މެމްބަރުން ޕީޕީއެމް އޮފީސް ކުރިމަތީގައި ސިލްސިލާ މުޒަހާރަތަކެއް ވެސް ދަނީ ކުރަމުންނެވެ. ނަވެސް އިސީ އިން އެ ތުހުމަތުތައް ދޮގު ކުރެއެވެ.

މޯލްޑިވްސް ބުރޯޑްކާސްޓިން ކޮމިޝަން އިން ޗެނަލް 13 އަށް ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް މީގެ ކުރިން ވަނީ އިލްތިމާސް ވެސް ކޮށްފި އެވެ.

އެގޮތުން ޗެނަލް 13 އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ، އިންތިޚާބުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުންނާއި ސަރުކާރުން ގަބޫލުކުރައްވައި ބަޔާން ނެރުއްވާފައިވަނިކޮށް، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ ހިތްތަކުގައި އިންތިޚާބުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދޭ ގޮތަށް، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ތަކުރާރުކޮށް ފޮނުވަމުންދާ ކަމުގެ ޝަކުވާތަކެއް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނަށް ވަނީ ހުށަހެޅިފައިވާ ކަމަށެވެ.