ފަލަސްތީނުގެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ގޮވާލައި ޔޫރަޕްގައި މުޒާހަރާ ކުރަނީ

ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ގޮވާލައި ލަންޑަންގައި މިއަދު މުޒާހަރާކުރަނީ
ލަންޑަން (ސެޕްޓެމްބަރ 22) : ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ގޮވާލައި ޔޫރަޕްގެ ބޮޑެތި ރައްތަކުގައި އެތަށް ހާސްބަޔަކު މުޒާހަރާކުރަމުން އެބަގެންދެއެވެ. މުޒާހަރާކުރާ މީހުން އެދެމުންދާ މައިގަނޑުކަމަކީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމުގައި ޔޫރަޕްގެ ޤައުމުތަކުން އެއްބާރުލުން ދިނުމަށެވެ.
ފަލަސްތީނުގެ ދައުލަތަށް ތާއީދުކޮށް އެންމެ ގިނަބަޔަކު މިހާތަނަށް މުޒާހަރާކުރީ ލަންޑަން، ޕެރިސް އަދި ރޯމްގައެވެ. ލަންޑަންގައި މުޒާހަރާކުރީ ބޮޑުވަޒީރުގެ އޮފީސް ކަމަށްވާ 10 ޑައުނިންގ ސްޓްރީޓްގެ ކުރިމަތީގައެވެ. ޕެރިހުގައި ދެތަނެއްގައި މުޒާހަރާ ކުރިކަމަށް ޚަބަރު ލިބެއެވެ. މީގެތެރެއިން އެއްތަނަކީ ޕެރިހުގެ މެދުގައިވާ އޮޕެރާ މައިދާނެވެ. ރޯމްގައި މުޒާހަރާކުރީ އިޓަލީގެ ބޮޑުވަޒީރު ސިލްވިޔޯ ބަރލުސްކޯނީގެ އޮފީހުގެ ކުރިމަތީގައެވެ. މިމުޒަހަރާތައް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވީ ފަލަސްތީނާއި ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ރައްޔިތުންގެ އިތުރުން އިންސާނީ ޙައްޤުތަކަށާއި ސުލްޙައަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކާއި ފަލަސްތީނުގެ ހަޢްޤުތަކަށް އިޙްތިރާމްކުރާ ޔަހޫދީ ޖަމާއަތްތަކުންނެވެ.
ފަލަސްތީނުގެ ހަޢްޤުތަކަށް އިޙްތިރާމްކުރާ ޔަހޫދީ ޖަމާއަތްތަކަށް ނިސްބަތްވަނީ ސުލްޙައާއި އިންސާފަށް ލޯބިކުރާ މެދުމިނުގެ ޔަހޫދީންނެވެ. މިއީ ހަރުކަށި ޚިޔާލުގެ ޒަޔަނިސްޓް ޔަހޫދީ ފިކުރާ މުޅިން އިދިކޮޅު މެދުމިނުގެ ޔަހޫދީންނެވެ. ލަންޑަންގައި ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރަތަކާ ދެކޮޅަށް ހަރުކަށި ޚިޔާލުގެ އިނގިރޭސި ޒަޔަނިސްޓް ޔަހޫދީ ޖަމާޢަތަކުން މުޒާހަރާއެއް ކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔޫރަޕްގައި ފަލަސްތީނުގެ ދައުލަތުގެ ޙައްޤުގައި މުޒަހަރާކުރި މީހުންވަނީ ފަލަސްތީނުގެ މައްސަލާގައި ޔޫރަޕުން ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތުތައް ފާހަގަކޮށް އެކަމާ ދެކޮޅަށްވެސް އަޑުއުފުލާފައެވެ. މިގޮތުން އެއްކޮޅުން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ތާއީދުކުރާ ކަމަށް ޔޫރަޕުން ބުނާއިރު އަނެއްކޮޅުން ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ދިނުމަށް ޔޫރަޕްގެ ގިނަ ޤައުމުތަކުން ތާއީދުނުކުރާ މައްސަލައާއި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާ ދެކޮޅަށް ޔޫރަޕްގެ ސަރުކާރުތަކުން ފިޔަވަޅުނާޅާ މައްސަލަ ފާހަގަކޮށް، މުޒާހަރާކުރިމީހުން އެކަމާދެކޮޅަށް އަޑުއުފުލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި އިޓަލީގެ އިތުރުން ޔޫރަޕްގެ އެހެން ޤައުމުތަކުގައިވެސް ފަލަސްތީނުގެ ޙައްޤުތަކަށާއި ފަލަސްތީނުގެ ދައުލަތަށް އދ. ގެ މެންބަރުކަން ދިނުމަށް ގޮވާލައި މުޒާހަރާތައް ކުރަމުންގެންދާ ކަމަށް ޚަބަރުލިބެއެވެ. (އަލްޖަޒީރާ)