ރައީސް ކަމުގެ ހައިސިއްޔަތު ގެލުނު ކަމުގައިވީ ނަމަވެސް ރައްޔިތުންގެ ހިދުމަތުގައި ދެމި ހުންނަވާނެ ކަމަށާއި ގައުމަށް ހެޔޮ އެދޭ ރައްޔިތެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، މި ދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފަހުން ދެވަނަ ފަހަރަށް ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މިއަދު އެވެ.

މިއަދު އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ މުހިންމު ކަމެއް ދެއްވީ ބޭރުގެ ނުފޫޒުތަކުން ގައުމު ހިމާޔަތް ކުރެއްވުމަށް ކަމަށެވެ. އަދި ކޮމަންވެލްތުން ވެސް ނުކުތީ ދައުލަތަކަށް ތަހައްމަލު ކުރަން ޖެހޭ ވަރަށް ވުރެ ކަންތައް ގޯސް ވުމުން ކަމަށާއި އެ ނިންމެވުމަކީ ވަރަށް އުނދަގޫ ނިންމެވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ގައުމީ ހިދުމަތުން، ރަސްމީ ހިދުމަތުން އަޅުގަނޑު ނުކުމެގެންދާ އިރު ވެސ،ް ދެން ވެސް އަޅުގަނޑު ހުންނާނީ ގައުމަށް ހެޔޮ އެދޭ ގައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި. އަދި އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި އެތައް ހާސް ރައްޔިތުންނާ އެކީ ކުރިއަށް ދިޔުމަށް." ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުން ވަކިވެގެންދާއިރު ގައުމަށް ބޭރުގެ ނުފޫ ވަނުން ފަދަ ބޮޑެތި ކަންކަން ވަކީލު ކުރާނީ މާތް ﷲ އަށް ކަމަށެވެ.

"އަޅުގަނޑު ފަސް އަހަރުގެ ދައުރެއް ނިންމާފައި ދާއިރު އަޅުގަނޑު މި ދެންނެވި ކަހަލަ ބޮޑެތި ކަންކަން، ގައުމުގެ ސަލާމަތާއި ރައްޔިތުންގެ އަމާން ކަމާއި ރައްޔިތުންގެ ހަމަޖެހުމާ، ބޭރުގެ ނުފޫޒުތަކުން ދިވެހި ރައްޔިތުން ސަލާމަތްވެފައި ތިބުމާއި ދިވެހި ރާއްޖެ ސަލާމަތްވެފައި އޮތުން މިކަހަލަ މުހިންމު ހުރިހާ ކަމެއް އަޅުގަނޑު ވަކީލު ކުރަނީ މާތްﷲ އަށް."

އޭގެ އިތުރުން އިންތިހާބާ ބެހޭ ޝަކުވާތައް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް އޮތުމަކީ ވެސް ރައްޔިތުންގެ ހައްގުތައް ހޯދައިދެއްވުމަށް ޓަކައި ކަމަށް ދޭހަވާ ގޮތަކަށް އެމަނިކުފާނު މިއަދު ވާހަކަފުޅު ދެއްކެވި އެވެ.

"އަޅުގަނޑު ކުރާ ޝަކުވާއެއް، އަޅުގަނޑު ހިންގާ ކަމެއް، އަޅުގަނޑު އުފުލާ ޝަކުވާއެއް، އުފުލަނީ އަބަދު ވެސް ރައްޔިތުންގެ އެތައް ހާސް ބައެއްގެ ހައްގު ހޯދައިދިނުމަށްޓަކައި."

މީގެ ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނާ މެދު ވިސްނައި ރައްޔިތުންގެ ހައްގުތައް އެންމެ ރަނގަޅަށް އަދާކުރެއްވީ ކޮން ރައީސެއްތޯ ބެލުމަށް ވެސް މިއަދު އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

"އިންސާފުވެރި އަދުލުގެ ނިޒާމެއް ގާއިމް ކުރަން މި ރައީސް މަސައްކަތް ކުރިތޯ ވިސްނަވާ، އަދުލު އިންސާފުގެ ނިޒާމު މިނިވަންކޮށް ހިންގިތޯ ވިސްނަވާ، ކޯޓުތަކަށް މިނިވަންކޮށް މަސައްކަތް ކުރަން ފުރުސަތު ދިންތޯ ވިސްނަވާ. އަޅުގަނޑު އެދެނީ ގައުމީ ސަލާމަތަށް އިސްކަން ދެއްވަން."