17 Oct 2018, 14:09
ގައުމާ މުހާތަބު ކުރައްވައި ރައީސް ޔާމީން މިއަދު ވާހަކަފުޅު ދައްކަވަމުން ފަހު ބަސް ވިދާޅުވެ، ހިދުމަތުން ދުރަށް ޖެހިލާ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ.
ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 17 ވަނަ ދުވަހަށެވެ. ނަމަވެސް މިއަދު ގައުމާ މުހާތަބު ކުރައްވާޢީ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ހިދުމަތުން ދުރަށް ޖެހިލާ ކަމަށް ތަފާތު ގޮތްގޮތަށް ބަޔާން ކުރައްވައިފަ އެވެ.
ރައީސް ޔާމީން ވާހަަފުޅު ފެއްޓެވީ "ރަސްމީ ހިދުމަތުން ދުރަށް ދާއިރު" އެމަނިކުފާނު އިހުތިޔާރުކުރި ސަރުކާރުގެ ސިޔާސަތުތައް އިހުތިޔާރު ކުރީ ކީއްވެގެންތޯ ރައްޔިތުންނަށް ދަންނަވާލަން ކަމަށް ވިދާޅުވަމުންނެވެ. އަދި އެވާހަކަ ރައްޔިތުންނަށް ދަންނަވާލަނީ "ފަހުވާހަކައެއްގެ ގޮތަށް" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ރައްޔިތުންނާ މި ބައްދަލުކޮށްލީ އިހުލާސްތެރި ހިތަކާއެކީ. އަޅުގަނޑުގެ މިއަދުގެ ބޭނުމަކަށް ވަނީ އަޅުގަނޑު ރަސްމީ ހިދުމަތުން ދުރަށް ދާއިރު އަޅުގަނޑު އިހުތިޔާރުކޮށްފައި ހުރި ސަރުކާރުގެ ސިޔާސަތުތަކާއި އަޅުގަނޑު އިހުތިޔާރު ކުރި ކަންތައްތައް ކުރީ ކީއްވެގެންތޯ ރައްޔިތުންނަށް ދަންނަވާލަން ފަހު ވާހަކައެއްގެ ގޮތަށް ވެސް." ރައީސް ޔާމީން ވާހަކަފުޅު ފަށަމުން ވިދާޅުވި އެވެ.
ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންތިހާބެއް ނިމިގެން ގޮސް އެމަނިކުފާނުގެ ރަސްމީ މަސައްކަތުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގައި ވެސް އިސްކުރެވިފައި ވާނީ ގައުމީ މަސްލަހަތުތޯ ނުވަތަ އަމިއްލަ މަސްލަހަތުތޯ ވިސްނާލަން ޖެހޭ ކަމަށެވެ.
ވާހަކަފުޅު ނިންމާލަމުން ރައީސް ޔާމީން ވިދާޅުވީ ގައުމީ ހިދުމަތުން، ރަސްމީ ހިދުމަތުން އެމަނިކުފާނު ނުކުމެގެންދާއިރު ވެސް ދެން ވެސް ހުންނާނީ ގައުމަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި ކަމަށެވެ.
"ދެންވެސް އަޅުގަނޑު ހުންނާނީ ގައުމަށް ހެޔޮއެދޭ ގައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި. އަދި އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި އެތައް ހާސް ރައްޔިތުންނާ އެކި ކުރިއަށް ދިއުމަށް." ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އެ މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ރިޔާސީ އިންތިހާބު ބާތިލު ކުރެއްވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށެވެ. އަދި ސުޕްރީމް ކޯޓުގެ އިއްޔެގެ އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތުން ހުށައެޅި ތިން ސިއްރު ހެކިންގެ ހެކިބަސް ބަލައި ނުގަތުމަށް ނިންމައިފަ އެވެ. އެ މައްސަލަ އެ ގޮތަށް ނިންމީ ކޯޓްގެ ބެންޗުގެ އިއްތިފާގުންނެވެ.
ސޯޝިއަލް މީޑިއާގައި ބައެއް ސިޔާސީ ފަރާތްތަކުން ރައީސް ޔާމީން ގައުމު ދޫކުރައްވާ ވަޑައިގަންވަން އުޅޭ ކަމުގެ ވާހަކަތަކެއް ދަނީ ދައްކަމުންނެވެ. ނަމަވެސް ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަމަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.